ތުރުކީގެ 17 ރެފްރީއަކު ހިމެނޭހެން ޖުމުލަ 21 މީހަކު ހައްޔަރުކުރުމަށް އަމުރުކޮށްފައިވާ ކަމަށް އެގައުމުގެ ވެރިރަށް، އިސްތާންބޫލްގެ ޗީފް ޕްރޮސެކިއުޓާ އޮފީހުން ބުނެފިއެވެ.

އެ މީހުން ހައްޔަރުކުރަން އަމުރުކޮށްފައި ވަނީ އެގައުމުގައި ބަލަމުންދާ ފުޓުބޯޅަ ބެޓިންގެ ބޮޑު މައްސަލަގަނޑުގެ ތެރެއިންނެވެ. އެމައްސަލައިގައި ތުރުކީގެ ފުޓުބޯޅަ އިދާރާއިން މިދިޔަ ހަފުތާގައި 149 ރެފްރީއަކު ސަސްޕެންޑް ކޮށްފައިވެއެވެ. އެ ސަސްޕެންޝަން އައިސްފައި ވަނީ ސަރުކާރުގެ ފަރާތުން ކުރި ތަހުގީގުން، ރެފްރީން މެޗުތަކަށް ބެޓްކޮށް، ފައިސާ ނަގަން މަސައްކަތް ކުރިކަން ހާމަވުމުންނެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ އޮފީހުން ބުނީ، ހައްޔަރުކުރަން އަމުރު ކޮށްފައި ވަނީ 17 ރެފްރީންގެ އިތުރުން ކްލަބުތަކުގެ އިސް ވެރިންގެ ބައެއް ކަމަށެވެ. އެގޮތުން، ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ޗެއާމަން ހިމެނޭ ކަމަށްވެސް ނޫސްތައް ބުންޏެވެ. އޭގެ އިތުރުން ކްލަބެއްގެ ރައީސަކާއި ކުރީގެ ވެރިއެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީ ފުޓުބޯޅައިގެ ބޮޑު މައްސަލައެއް ފެންމަތިވެ، އެ ގައުމުގެ އެފްއޭ ރައީސް އިބްރާހީމް ހާސިއޯމަނަގްލޫ ވިދާޅުވީ، މިވަގުތަކީ އެގައުމުގެ ފުޓުބޯޅައަށް އުނދަގޫ ވަގުތެއް ކަމަށެވެ. ހާއްސަކޮށް ރެފްރީން މެޗު ވިއްކި ކަމުގެ ބޮޑެތި ހެކިތައް ފެންނަން ހުރި ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ރެފްރީންގެ މައްސަލަތަކުގެ ތަފްސީލުތަކަށް ބަލާ އިރު، އޭގެ ތެރެއިން އެއް ރެފްރީއަކު 18،227 ބެޓެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 42 ރެފްރީއަކު، 1000 އަށްވުރެ ގިނަ ބެޓް ކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.