ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަވަނަ ހަފުތާގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ކަންތައްތަކުގެ ސަބަބުން ޓީސީ ސްޕޯޓްސް ކްލަބުގެ ހުސައިން އީނާޒާއި އެޓީމުގެ ކޯޗު، އަހުސަން ރަޝީދު (ޗޭ) އަދި އެސިސްޓެންޓް މެނޭޖަރު މުހައްމަދު ހަލަފަށް އަދަބު ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.

ޓީސީއާއި އީގަލްސް ވާދަކުރި މެޗު، އީގަލްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ 75 ވަނަ މިނެޓުގައި ޓީސީގެ އީނާޒަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ރަތް ކާޑާއެކު ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުންތަކެއް ފެނިގެން ދިޔައެވެ.

އީނާޒު ކުރި ފައުލަކަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އޭނާ ވަނީ ރެފްރީގެ ރަތް ކާޑު އަތުލައި، ފަހުން އެ ކާޑު ރެފްރީއާ ދިމާލައަށް އެއްލައިފައެވެ.

އެ ރަތް ކާޑުގެ ސަބަބުން ޓީސީގެ ބެންޗުންވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި، ރެފްރީއަށް ނުރުހުން ފާޅުކޮށްފައެވެ.

އެފްއޭއެމްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ އީނާޒު، ހަތަރު މެޗަށް ސަސްޕެންޑް ކުރުމާއެކު 6،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޯޗު އަހުސަންވެސް ދެ މެޗަށް ސަސްޕެންޑް ކޮށް، 2،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އެސިސްޓެންޓް މެނޭޖަރު ހަލަފްވެސް ދެ މެޗަށް ސަސްޕެންޑްކޮށް، 4،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވެއެވެ.

އެފްއޭއެމްއިން ބުނީ އަދަބާ ދޭތެރޭ ހިތްހަމަ ނުޖެހޭނަމަ، ހަތް ދުވަސް ތެރޭގައި އިސްތިއުނާފު ކުރުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.