ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ހަދަން ވާނީ އިންޓަނޭޝަނަލް ފުޓުބޯޅަ ކަލަންޑަރަށް ވަރަށް ބޮޑަށް ވިސްނާފައި ކަމަށް ޓީީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
އާތީ އެހެން ބުނީ އިންޓަނޭޝަނަލް ދިގު ބްރޭކަކަށްފަހު އަލުން ލީގު ފެށުމުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގައެވެ. ޓީސީ މިހަފުތާގެ މެޗުގައި މާދަމާ ރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ އިރު، އޭގެ ކުރިން އޮތީ ދެމެޗު ކުޅެފައެވެ. ގައްދޫ ކައިރިން ރަށުން ބޭރުގައި މޮޅުވި އިރު، ދެން ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިވީ ބައްޔެވެ.
ޕްރެސްގައި ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު އާތީ ބުނީ ދެމެޗު ކުޅެފައި ބްރޭކަށް ދާން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"ދެ މެޗު ކުޅެފައި އިންޓަނޭޝަނަލް ބްރޭކަށް ދާން ޖެހޭ ގޮތަށް ޝެޑިއުލް އޮތުމަކީ ޗެލެންޖެއް. އެހާ އަވަހަށް ބްރޭކް ނާއްނަ ގޮތަށް ފެއްޓި ނަމަ، ޓީމުތަކަށް ރަނގަޅު ޗާންސެއް އޮންނާނެ ވާދަކުރަން. މިބުނަނީ މެޗު ފިޓްނަސްއާއި މެޗު ތެރޭގެ ކަންކަމުގެވެސް ވާހަކަ. ދެން ބްރޭކެއް އައިމަ، އަދި ކިރިޔާ ކަންނޭނގެ މި ފެއްޓެނީ އަސްލު. މިހާރު ކުރިން ކުޅުނު ދެމެޗާ ތަފާތު އެއްޗެއް ދެން އަންނާނީ. ޓީމުތަކުގެ ކޮލިޓީއާއި ދެން ހުރި ކަންކަންވެސް ތަފާތުވާނެ. ޕްރިމިއާ ލީގު ފައްޓާއިރު އެބަ ފެންނަން އޮވޭ އިންޓަނޭޝަނަލް ބްރޭކްވެސް ފެންނަން. ފުޓުބޯޅަ އެސޯސިއޭޝަނަށް އެބަ އެނގޭ އިންޓަނޭޝަނަލް ބްރޭކް. އެހެންވީމަ ޝިޑިއުލް ހަދާއިރު އެއަށް ތަންކޮޅެއް ބޮޑަށް ވަދެގެން ޝެޑިއުލް ހަދަން ޖެހޭނީ. އެހެން ނަމަވެސް، ފައިނޭންޝަލީއާއި އިންފްރާސްޓްރަކްޗާގެ ކަންކަންވެސް ހުންނަ ގޮތުން ކަންނޭނގެ މިހެން މި ހަދަނީ. އެންމެ ރަނގަޅު ގޮތެއް ނޫން އެކަމަކު މިއީ،" އާތީ ބުންޏެވެ.
އާތީ ބުނީ ދެމެޗެއް ކުޅެފައިވާ ބްރޭކް އައުމާ، އަދި އިތުރަށް ދެ ބުރެއް ކުޅެފައި އިންޓަނޭޝަނަލް ބްރޭކެއް އައުމާ ތަފާތުވާނެ ކަމަށާއި، އިންޓަނޭޝަނަލް ކަލަންޑަރާ ލީގު ޝެޑިއުލް މިހާރަށްވުރެ ބޮޑަށް "އެލައިންވުން" މުހިއްމު ކަމަށެވެ.
އާތީ އިތުރަށް ބުނީ ޓީސީއަށް ގާތްގަނޑަކަށް ޕްރި ސީޒަނެއް ލިބިއްޖެ ކަމަށާއި، ކުރިން ދިޔަ ދެމެޗަށްވުރެ މިހާރު ކުޅުން ރަނގަޅުވާނެ ކަމަށެވެ.
"ޕްރި ސީޒަނަށް ޓީސީއަށް ލިބުނުހާ ދުވަސް މި ބްރޭކްގައި ލިބިއްޖެ. އެކަމަކު އަނެއް ނުވަ ޓީމުވެސް ހަމަ މިދިޔަ ދުވަސްތަކުގައި ދާނީ ޕްރެކްޓިސް ކުރަމުން. އެހެންވީމަ އިތުރަށް ޓީސީއަށް ލިބުނު ދުވަހެއް ނޫން މިއީ. ސީޒަނުގައި އަތު ނުވެ އޮތް ހިސާބު އެއީ އަތު ނުވެ އޮތް ހިސާބު. އެހެން ޓީމުތަކަށް ވަރަށް ރަނގަޅަށް ޕޮލިޝް ކޮށްލަން ލިބުނު ދުވަސްތަކެއް މިއީ. ހަމަ އެގޮތަށް ޓީސީއަށްވެސް މިދިޔަ ދުވަސްތަކަކީ ޕްރި ސީޒަނެއް ކަހަލަ ދުވަސްތަކެއް. ކުރިން ކުޅުނު މެޗުތަކަށްވުރެ ޓީސީ ރަނގަޅުވާނެ،" އާތީ ބުންޏެވެ.
އާތީ ކޯޗު ބުނީ ކްލަބު އީގަލްސްއަކީ ޗެލެންޖެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރީ އީގަލްސްއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއްގައި ކުޅެމުންދާ ޓީމެއް ކަމަށާއި، އެޓީމު މި ސީޒަނަށްވެސް ނުކުތީ އެހާ ބޮޑެތި ބަދަލުތަކަކާއެކުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް ޓީސީއަށް މި ސީޒަނަށް ނުކުންނަން ޖެހުނީ ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށްވެސް އާތީ ފާހަގަކުރިއެވެ.
"ކުއްލިއަކަށް ޓީމެއް ބިލްޑް ކުރުމާ، ދުވަސް ނަގައިގެން ޓީމެއް ބިލްޑް ކުރުމާ ތަފާތުވާނެ. އީގަލްސް އޮތީ ތަންކޮޅެއް އޮގަނައިޒްކޮށް. އެހެންވިޔަސް ޓީސީ ފަސޭހަ ނުވާނެ،" އާތީ ފާހަގަކުރިއެވެ.
ޓީސީން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ މާދަމާ ރޭ 9:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ކޮމެންޓް