ބެންގަލޫރު އެފްސީއަށް ކުޅެމުންދާ އޮސްޓްރޭލިއާގެ ރަޔަން ވިލިއަމްސް، އިންޑިއާ ގައުމީ ޓީމަށް ކުޅުމަށް އެގައުމަށް ރަށްވެހިކަން ބަދަލުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ވިންގް، ވިލިއަމްސްއަކީ ކުރިން އޮސްޓްރޭލިއާގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ޕާތު ގްލޯރީއަށް ކުޅެ، ޔޫތު ލެވެލާއި ސީނިއާ ލެވެލްގައިވެސް އެގައުމު ތަމްސީލުކުރި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު އޮސްޓްރޭލިއާ 20 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ކުޅެފައެވެ. އަދި 2019 ވަނަ އަހަރު އޮސްޓްރޭލިއާއިން ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވިލިއަމްސް ވަނީ 17 މިނެޓު ކުޅެފައެވެ.
ވިލިއަމްސްއަކީ 2011 ވަނަ އަހަރު އިނގިރޭސި ދެވަނަ ޑިވިޝަނުން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެވަނަ ޑިވިޝަނުގައި ޕޯޓްސްމައުތާއި ރޮތާހަމް ޔުނައިޓެޑް އަދި އޮކްސްފޯޑް ޔުނައިޓެޑަށްވެސް ކުޅެފައެވެ.
އެފަހުން އޮސްޓްރޭލިއާގެ ޕާތު ގްލޯރީއަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ. އަދި އިންޑިއާގެ އެންމެ ބޮޑު އެއް ކްލަބު ބެންގަލޫރު އެފްސީއަށް ބަދަލުވީ 2023 ވަނަ އަހަރުއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ވިލިއަމްސް އިންޑިއާއަށް ރަށްވެހިކަން ބަދަލުކުރީ ދެ އަހަރު ދުވަހުގެ ގާނޫނީ މަސައްކަތްތަކެއް ކޮށްގެންނެވެ. އޭނާއަށް އިންޑިއާ ޕާސްޕޯޓް ދޭން ނިންމާފައި ވަނީ މަންމައަކީ އިންޑިއާއަށް އުފަން، އެންގްލޯ-އިންޑިއަން ނަސްލުގެ މީހަކަށްވާތީއެވެ.
އިންޑިއާއަކީ ޑުއަލް ސިޓިޒެންޝިޕް ބަލައިގަންނަ ގައުމަކަށް ނުވާތީ، ވިލިއަމްސް ވަނީ އޮސްޓްރޭލިއާގެ ރަށްވެހިކަން ދޫކޮށްލައިފައެވެ.
ވިލިއަމްސް ބުނީ އިންޑިއާއަށް ކުޅުމަކީ އޭނާގެ ކާފަގެ އެދުމެއް ކަމަށާއި، މިދިޔަ ދުވަސްތަކުގައި ގައުމީ ޓީމަށް ނުކުޅެވުނީ ރަށްވެހިކަން ހޯދުމަށް ކުރަން ޖެހުނު މަސައްކަތް ބޮޑުކަމުން ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އިންޑިއާއިން އޭޝިއަން ކަޕް ކޮލިފިކޭޝަން ފަހު ބުރުގައި ކުޅޭ މެޗުތަކަށް ވިލިއަމްސް ސްކޮޑަށް ނަގާނެއެވެ. އިންޑިއާއިން އެންމެ ފުރަތަމަ ދެން ކުޅެން ޖެހޭ މެޗަކީ މިމަހު 18 ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗެވެ.
އިންޑިއާގެ ގައުމީ ޓީމުގެ ކޯޗަކީ އެގައުމުގެ ހާލިދު ޖާމިލެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ