މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ބަންޑުން ޖަހާލި އިރު، އޭގައި 14 މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން، ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދިޔައެވެ.

އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އެމްޕީއެލްގެ ލޭބަރާގެ މަގާމުގައި ހުރި ދެ މުވައްޒަފުން ކަމަށްވާ ބަންގުލަދޭޝްގެ މަސޫދު ހޮސެއިން (32އ) އާއި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ.

އެމްޕީއެލުން މިމަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ވަނީ އެތެރޭގެ ތަހުގީގު ފަށާފައި ކަމަށެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިޔާއަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގުގެ ތެރެއިން މިހާރުވަނީ އިބްތިދާއީ ހޯދުންތަކެއް ހޯދައި، ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދި އެފަދަ ހާދިސާއެއް ދެން ތަކުރާރުވިޔަ ނުދިނުމަށް އަަޅަންޖެހޭ ފިޔަވަޅުތައް ދެނަގަނެފައި ކަމަށެވެ.

"މި އޮޕަރޭޝަންގައި ދެ އެކްސްކަވޭޓާ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސީ ލޭންޑިން ކްރާފުޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިން ކްރާފްޓުގެ ކެޕްޓަންގެ އަތުގައި މިފަސަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން،" އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިއަކީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އުޅަނދެއް ކަމަށެވެ. ނަމަވެސް އެ ކޮޅުވެއްޓީގެ މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައިނުވާ ކަމަށާއި ދަގަނޑު ޑެކެއް އޮތުމުން ތަކެތި ބަރުކޮށް އަދި މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮންނާނެކަމަށް އެމްޕީއެލުން ބުންޏެވެ. އެހެން އެކަން ވެއްޖެނަމަ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.

އުޅަނދުގެ މުދާ ބެލެހެއްޓުމާއި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަކީ ކެޕްޓަންގެ ޒިންމާއެއްކަމަށް އެމްޕީއެލުން ބުންޏެވެ. ކެޕްޓަންގެ އިރުޝާދުގެ ދަށިން ދެ އެކްސްކަވޭޓާ ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި އެކަމަށް ބޭނުންކުރި އާލަތްތައް ކާގޯ ބޯޓަށް ނަގާފައިވާކަމަށް އެމްޕީއެލުން ބުންޏެވެ.

"އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފުޓުގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފުޓުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓާ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓު ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު،" އެމްޕީއެލުން ބުންޏެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފަކު މޫދަށް ވެއްޓި، އެކިވަރުގެ އަނިޔާވި ކަމަށް އެމްޕީއެލުން ބުންޏެވެ. އެ ކުންފުނީގެ މުވައްޒަފުން އެ ވަގުތު ކޮޅުވެއްޓީގައި ތިބީ މަސައްކަތް ނިންމާލުމަށްފަހު، އަނބުރާ ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ކޮޅުވެއްޓި ގިރާކޮށްފައިކަމަށްވުމުގެ ސަބަބުން ކަމަށް އެމްޕީއެލުން ބުންޏެވެ.

ކޮޅުވެއްޓިއަށް ދެ އެކްސްކަވޭޓާ ބޭލުމުގެ އެމްޕީއެލުން ކޮށްފައިވަނީ މިވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށްކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލުން ބުނީ މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނުން އަދި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކުކުރުން ފަދަ ކަންކަން އެ ކުންފުނިން އެކަމަށް އޮންނަ އުސޫލުގެ ދަށުން ކުރަމުން ދިޔަ ނަމަވެސް މިހާރު އެ އުސޫލު ވަނީ މުރާޖާކޮށް ބަދަލުކޮށްފައި ކަމަށެވެ.

ކުންފުނިން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ރިއާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމްޕީއެލުން ބުންޏެވެ.

އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލު މުރާޖާއާކޮށް ހަރުދަނާ ކުރުމުގެ މަސައްކަތާއި އޮޕަރޭޝަންސްތަކުގައި ސޭފްޓީ މުވައްޒަފުން ބައިވެރިކޮށް، ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އަހުލުވެރިކުރުން ހިމެނޭކަމަށް އެމްޕީއެލުން ބުންޏެވެ.

ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން، ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް ހިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އައުޓާ އެންކަރޭޖު (ކަނޑުމަތީގައި މުދާ ބޭލުމުގެ އޮޕަރޭޝަންސް) ބޯޓު ފަހަރު ބާއްވައިގެން މުދާ ބޭލުމަކީ އެ ކުންފުނިން އަަބަދުވެސް ކުރަމުންދާ ގެންދާ މަސައްކަތެއްކަމަށް އެމްޕީއެލުން ބުންޏެވެ. އެއީ ބަރު ވެހިކަލްތަކާއި، ޕްރޮޖެކްޓުކުގެ ކާގޯ އަދި އެހެނިހެން ބަރު މުދާ ބޭލުމުގެ އޮޕަރޭޝަންސްތަކެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

އަދި އެމްޕީއެލްގައި އެފަދަ އޮޕަރޭޝަނަށް ބޭނުންވާ ގާބިލު މުވައްޒަފުން އެބަތިބިކަމަށް އެމްޕީއެލުން ބުންޏެވެ.

"މި ހާދިސާ ހިނގި ފަހުންވެސް، އެމްޕީއެލްއިން ވަނީ 'އެމްވީ ސެލެޓިއާ" ގައި ބާކީ ހުރި ދެ އެކްސްކަވޭޓާ ބޭލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މި އޮޕަރޭޝަންސް އެމްޕީއެލުން ކުރިއަށް ގެންދިޔައީ ހާއްސަ އޮޕަރޭޝަންސްތައް ކުރިއަށް ގެންދިއުމުގައި ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު،" އެމްޕީއެލުން ބުންޏެވެ.