ތިލަފުށީ ކާގޯ ޓާމިނަލުގައި ކޮންޓޭނަރު އުފުލާ އުޅަނދަކުން ކޮންޓޭނަރު ބޭލުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "އެމްއެސްއެސް ގަލީނާ" ނަމަކަށް ކިޔާ ކޮންޓޭނަރު ވެސަލުން ކޮންޓޭނަރު ބާލަން ފެށީ މިއަދު ކަމަށާއި އެ އުޅަނދުގައި ޖުމުލަ 524 ޓީއީޔޫ ހުރި އިރު، އޭގެ ތެރެއިން 490 ޓީއީޔޫ ތިލަފުށި ޓާމިނަލަށް ބާލާނެ ކަމަށެވެ.
މި އޮޕަރޭޝަން ރާވައި ތައްޔާރުވާން ފެށީ މިއަހަރުގެ މެއި މަހުން ފެށިގެން ކަމަށް އެމްޕީއެލުން ފާހަގަކުރިއެވެ. އެގޮތަށް ނިންމީ އާ އަހަރު ފެށިގެން ރަމަޟާން މަސް ނިމޭތާ މަހެއްހާ ދުވަހާ ހަމައަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ގިނަވާނެ ކަމަށް ލަފާކުރެވޭތީއެވެ. ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި އެނދުގެ އަދަދު އިތުރުވެ، އާ ރިސޯޓުތައް ހުޅުވުމާ ގުޅިގެން މުދާ އެތެރެކުރާ ނިސްބަތް މައްޗަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ނިންމުމުގެ ބޭނުމެއް ކަމަށް އެމްޕީއެލުން ބުނީ މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަމަށް ލުއެއް ހޯދައިދީ، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ތިލަފުށީގައި އެންމެ ފުރަތަމަ ގާއިމުކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން މިހާރު ކުރިއަށްގެންދެއެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިމޭނެ ކަމަށް ލަފާކުރެވޭ އިރު، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ބަނދަރުގެ އެންމެހާ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ އެމްޕީއެލްގެ އަމާޒެވެ.
ސަރުކާރުން މައުލޫމާތުދޭ ގޮތުގައި ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓޭނަރު ގެންގުޅުމުގެ ޖާގަ ހެދޭނެއެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ބަނދަރުގައި ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހެދޭނެއެވެ. އަދި މި ބަނދަރުގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއެކު، މުދާ ބަރުކޮށް ބާލައި ހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ ޓާން އަރައުންޑް ޓައިމްއަކަށް ކުރުކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި އުޅަނދުފަހަރުން މުދާ ބަރުކޮށް ބާލައި ހެދުމުގެ މި ހިދުމަތް ދިނުމަށް މިހާރު ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބާ ކެރޭނު ގާއިމުކުރެވޭނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ތިލަފުއްޓަށް ވަޑައިގެންނެވުމަށްފަހު ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމައި ހުޅުވާނެއެވެ. އެ މަނިކުފާނު ވިދާޅުވީ "މި ނިމޭ މަސައްކަތްތައް ނިމޭއިރުގައި، މާލޭގައި މިހާރު މިއޮތް ޕޯޓަށްވުރެ ހަތަރުގުނަ، އިރާދަކުރެއްވިޔާ، ބޮޑުވާނެ" ކަމަށެވެ. އަދި ސައިޒުގެ ގޮތުންނާއި ކެޕޭސިޓީގެ ގޮތުންވެސް އާ ޕޯޓު ބޮޑުވާނެކަން ފާހަގަކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން "ވިޔަފާރީގެ ދާއިރާއަށް، ޖުމްލަކޮށް ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ދޮރެއް ހުޅުވިގެންމިދަނީ،" ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް