މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު ގެންދިއުމަށް ވަކި އަގުތަކެއް މިއަދުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކޮށްފިއެވެ.

މުދާ ބަރުކޮށްފައިވާ ފުލް ކޮންޓޭނަރު ލޯޑް (އެފްސީއެލް) ކޮންޓޭނަރުތައް ކްލިއާކުރުމުގެ ހިދުމަތް ތިލަފުށި ކާގޯ ޓާމިނަލްގައި ފެށީ މިދިޔަ މަހުގެ 27 ގައެވެ. އެ ތާރީހުން ފެށިގެން އިއްޔެގެ ނިޔަލަށް، ކޮންޓޭނަރު ތިލަފުއްޓަށް ފޮނުވުމުގައި ޗާޖުކުރީ ކުރިން މާލޭ ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކޮންޓޭނަރު އުފުލާ ޓެރިފް ރޭޓެވެ.

އެމްޕީއެލުން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އާ ރޭޓްތަކުގެ ދަށުން، ޖީއެސްޓީ ނުހިމަނައި، 20 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 1,500 ރުފިޔާ، އަދި 40 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 3,000 ރުފިޔާ ނެގޭނެއެވެ.

މާލެއާއި ތިލަފުއްޓާ ދެމެދުގެ ރާސްތާއަށް ބެލުމަށްފަހު، ހިދުމަތާ އެކަށީގެންވާ އަގެއް ކަނޑައެޅުމުގެ ގޮތުން ގެނައި މި ބަދަލާއެކު، ތިލަފުށި ކާގޯ ޓާމިނަލް މެދުވެރިކޮށް އެފްސީއެލް ކޮންޓޭނަރުތައް ކްލިއާކުރުން ކުރިއަށްދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އެކި މަސައްކަތްތައް ކުރިއަށްދާ އިރު، ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ދަނީ ކުރަމުންނެވެ. އެ ކީވޯލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ. މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ސީއެޗްއީސީން ވަނީ ފަށައިފައެވެ.

ސަރުކާރުން މައުލޫމާތުދޭ ގޮތުގައި ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓޭނަރު ގެންގުޅުމުގެ ޖާގަ ހެދޭނެއެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ބަނދަރުގައި ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހެދޭނެއެވެ. އަދި މި ބަނދަރުގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއެކު، މުދާ ބަރުކޮށް ބާލައި ހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ ޓާން އަރައުންޑް ޓައިމްއަކަށް ކުރުކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި އުޅަނދުފަހަރުން މުދާ ބަރުކޮށް ބާލައި ހެދުމުގެ މި ހިދުމަތް ދިނުމަށް މިހާރު ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބާ ކެރޭނު ގާއިމުކުރެވޭނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ތިލަފުއްޓަށް ވަޑައިގެންނެވުމަށްފަހު ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމައި ހުޅުވާނެއެވެ. އެ މަނިކުފާނު ވިދާޅުވީ "މި ނިމޭ މަސައްކަތްތައް ނިމޭއިރުގައި، މާލޭގައި މިހާރު މިއޮތް ޕޯޓަށްވުރެ ހަތަރުގުނަ، އިރާދަކުރެއްވިޔާ، ބޮޑުވާނެ" ކަމަށެވެ. އަދި ސައިޒުގެ ގޮތުންނާއި ކެޕޭސިޓީގެ ގޮތުންވެސް އާ ޕޯޓު ބޮޑުވާނެކަން ފާހަގަކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން "ވިޔަފާރީގެ ދާއިރާއަށް، ޖުމްލަކޮށް ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ދޮރެއް ހުޅުވިގެންމިދަނީ،" ކަމަށް ރައީސް ވިދާޅުވިއެވެ.