ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމުން މަހުމޫދު ރިޔާޒު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކިކުރެއްވުމާ ގުޅޭ މައްސަލަ ރިވިއުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާޒު ވަކިކުރެއްވީ، ހޯކްސް މައްސަލައާއި ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓްތައް ނެރުނު މައްސަލަ 241 ކޮމިޓީން ތަހުގީގު ކުރުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނައިގެން ތައްޔާރުކޮށް ސަރުކާރަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
ކޮމިޓީ ރިޕޯޓާ ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ހާމަކުރައްވައި، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެކަމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައިވާ ކަމަށާއި އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން ކަސްޓަމަސްއިން އަމަލުކުރަމުންގެންދާ އުސޫލުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ ތިން މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގާފައިވާނެ ކަމަށެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހަތަރު ބޭފުޅަކު ތިއްބައެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން މަގާމުން ވަކިކޮށްފައިވަނީ މަހުމޫދު ރިޔާޒުގެ އިތުރުން އަބްދުﷲ ވަހީދެވެ.
ނަމަވެސް ރިޔާޒު ވަކިކުރުމާ ގުޅޭ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.
އޭނާ ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރިޔާޒަކީ އިހުލާސްތެރިކަމާއެކު ކަސްޓަކްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. އޭނާގެ ހިދުމަތުގެ ދިގު މުއްދަތުގައި އެފަދަ އެއްވެސް ކަމެއްގައި ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތްކަމަށްު ނުފެންނާތީ މި މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.
އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މީގެކުރިންވެސް ކޮމިޓީން އެ މައްސަލަ ބަލަމުން ދިޔައީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށެވެ.
އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ތާއީދު ކުރައްވައިގެން ބައްދަލުވުން ސިއްރުކުރަން ފާސްކުރިއެވެ.
ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކަސްޓަމްސްގެ ތެރޭގައި އޮތް އިހުމާލުތަކާއި ހިންގަމުންދާ ކޮރަޕްޝަންތަކުގެ ސަބަބުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައ ތެލުގެ ވިޔަފާރިކުރަމުންދާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ހޯކްސްއިން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރާ ކަމަށެވެ. ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު އެ ކުންފުނީގެ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ