ޕީއެސްޖީން މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބައްޔާ ރޭ ކުރިމަތިލާން ޖެހުނު އިރު، ޓީމުގެ ފޯމު ގެއްލިފައި ވަނީ މިދިޔަ ސީޒަން މާބޮޑަށް ދިގުލައިގެން ދިޔުމުން ކަމަށް ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.
ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ބަޔާން މިއުނިކް ކައިިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދާދިފަހުން ބެލޮންޑިއޯ ހޯދި އުސްމާން ޑެމްބެލޭއާއި އަޝްރަފް ހަކީމީއަށްވެސް އަނިޔާވެގެން ބާލަން ޖެހިފައިވާ އިރު، ކޯޗު އެންރިކޭއަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ.
"އަހަރެން ހަނދާނެއް ނެތް މިހާރު ސްކޮޑު އެއްކޮށް ފިޓްކޮށް އޮތް އެއްވެސް މެޗެއް. މިއީ ތަފާތު ސީޒަނެއް. މެނޭޖް ކުރަންވެސް އުނދަގޫ ސީޒަނެއް. އެހެންވިޔަސް އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މެނޭޖް ކުރެވޭނެކަމުގެ. އަހަރެމެންގެ ލެވެލްގައި ކުޅުންތެރިން ރިކަވާ ކުރެވޭނެ ގޮތެއް ހޯދާނަން،" އެންރިކޭ ބުންޏެވެ.
ޕީއެސްޖީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޑެމްބެލޭއަށް ސީޒަނުގެ ކުރީކޮޅުގައިވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އޭނާގެ ފަލަމަސްގަނޑަށް ސީޒަނުގެ ކުރީކޮޅުގައި ލިބުނު އަނިޔާގެ ސަބަބުން ހަތް މެޗު ގެއްލިފައިވެއެވެ.
"ކުރިން ލިބުނު އަނިޔާއެއް ނޫން ޑެމްބެލޭއަށް ލިބުނީއެއް. އެއީ މުޅިން އާ އަނިޔާއެއް. އަސްލު މި މައްސަލަތައް ދިމާވަނީ މިދިޔަ ސީޒަން މާ ބޮޑަށް ދިގުލައިގެން ދިޔައިމަ. އެ ގެއްލުން ޕީއެސްޖީއަށް ބޮޑު،" އެންރިކޭ ބުންޏެވެ.
ޑެމްބެެލޭގެ އިތުރުން މާކީނިއޯސްއާއި ޖާއޯ ނެވޭސް، ބްރެޑްލީ ބާކޯލާގެ އިތުރުން ޑިސައިރޭ ޑޫއޭއާއި ފަބިއަން ރުއީޒްވެސް މިވަގުތު ތިބީ އަނިޔާގައެވެ.
އެ މައްސަލަތައް ޕީއެސްޖީއަށް ދިމާވެފައިވާ އިރު، އެ ކްލަބަކީ މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކްލަބެވެ. އެ ކްލަބުން ޓްރެބަލް ކާމިޔާބުކޮށް، ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ