ހުޅުމާލެ ފޭސް ތިނެއްގެ ފަޅުތެރެއިން ބިން ހިއްކަމުންގެންދާ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރު އެޅުމަށް އެހެން ތިން ސަރަހައްދެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ބިން ހިއްކާ ސަރަހައްދުތަކުގައި އަޅާފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށްފަހު، ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންދެން ވަކި ސަރަހައްދުތަކެއް ބޭނުން ކުރެވޭނެގޮތަށް ވަނީ ކަނޑައަޅައިފައެވެ.
އެ ސަރަހައްދުގެ ބިން ހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މިދިޔަ މަހު ކޮށްފައިވާ އިއުލާނާ އެއްގޮތަށް، ހުޅުމާލެ ފަޅުތެރޭ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީގޮތުން އެޅުމަށް ކ. އަތޮޅުން ވަނީ ތިން ސަރަހައްދެއް އެޗްޑީސީން ކަނޑައަޅައިފައެެވެ.
އެގޮތުން ސަފާރީ އެޅުމަށް ގުޅިފަޅާއި، ކުޑަގިރި އަދި ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތަކަށް ވަކި ސަރަހައްދުތަކެެއް ބޭނުންކުރުމަށް ހާއްސަކޮށްފައިވެެެއެެވެ. އަދި ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް ގުޅިފަޅާއި، ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތަކަށް ވަކި ސަރަހައްދުތަކެެއް ބޭނުންކުރުމަށް ހާއްސަކޮށްފައިވެެެއެެވެ.
ބިން ހިއްކުމަށް ހުސްކުރާ ސަރަހައްދު އަދި ސަފާރީތައް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ދައްކުވައިދޭ ޗާޓުތައް:
އެޗްޑީސީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަނީ މެދުކެނޑުމަކަށްފަހުއެވެ. ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތަކަށް މެދުކެނޑުމެއް އައިސްފައިވަނީ، ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން އެ މަސައްކަތް ހުއްޓާލާފައިވާތީއެވެ.
އެ މައްސަލައާ ގުޅޭގޮތުން މިދިޔަ ޖުލައި މަހުގެ 15 ގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ކޮންޓްރެކްޓަރު ސީއެމްސީސީއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދެ ފަހަރެއްގެ މަތީން 20 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވާ ކަމަށާއި އޭގެ ފަހުން އެ މަސައްކަތް ކުރިއަށްގެންދިއުމުގެ ގޮތުން މި ސަރުކާރުން ވެސް 15 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދަން ސީއެމްސީސީން ބޭނުންނުވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގްރިމެންޓް ހަދާފައި އޮތްގޮތުން އެގްރިމެންޓް ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހަމަ އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ޑުރެޖަރެއް ގެނެސް މަސައްކަތް އަލުން ފަށާނަމަ ސީއެމްސީސީއާއެކު މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
އޭގެ ފަހުން ހުޅުމާލޭ ފޭސް ތިނެއް ހިއްކުމާ ގުޅޭ އަޕްޑޭޓެއް ސަރުކާރުން ދީފައެއް ނުވެއެވެ. ސީއެމްސީސީ އަކީ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަދި މި ސަރުކާރުގެ ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ވެސް ހަވާލުވި ކުންފުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ