ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެއެވެ.

މިއަދު ފެށި މުބާރާތުގައި މުބާރާތް ބާއްވަމުންދާ ލަންކާ ކައިރިން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ސުގަތަދާސާ ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއިން ރާއްޖެ ކައިރިން ފުރަތަމަ ދެ ސެޓުވެސް ގެންދިޔައީ 9-25 އަދި 9-25 އިންނެވެ.

އެ ދެސެޓު ބޮޑު ތަފާތަކުން ރާއްޖެއަށް ގެއްލުނު އިރު، ތިންވަނަ ސެޓުގައި ދިވެހި ޓީމުން އަމިއްލަ ގޯސްތައް ރަނގަޅުކުރި ނަމަވެސް، ފަހު ސެޓު ލަންކާއިން ގެންދިޔައީ 25-15 އިންނެވެ.

މިއަދުގެ މެޗަށްފަހު ކޯޗު މުނާ މުނީރު (މުންނަ) ބުނީ މިއަދުގެ މެޗަކީ ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރަތަމަ ތަޖުރިބާ ކަމަށާއި، ކުރި މަސައްކަތަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ހިތްވަރާ މަސައްކަތަށް ކޯޗިން ސްޓާފުން ހިތްހަމަޖެހޭ، މިއީ މި ކުޅުންތެރިންގެ ފުރަތަމަ މެޗު ތަޖުރިބާ، މި ކުޅުންތެރިންނަކީ މީގެކުރިން އެ ކުޅުންތެރިން ކުޅުނު ޓީމުތަކުގައި ފަށާ ހަ ކުޅުންތެރިން ތެރޭގައި ނުހިމެނޭ ކުޅުންތެރިން، ގައުމީ ޓީމަށް ފަށާ ކުޅުންތެރިންގެ ގޮތުގައި މި މެޗުން ފެނުނީ، ތިންވަނަ ސެޓުގައި ރަނގަޅު ކަންކަން ފެނިގެންދިޔަ" ކޯޗު މުންނަ މެޗަށްފަހު ބުންޏެވެ.

ރާއްޖެއާއި ލަންކާގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ނޭޕާލާއޮ ކިރިގިސްތާނެވެ. ނޭޕާލާއި ކިރިގިސްތާން ވާދަކުރި މެޗުގައި ކިރިގިސްތާނުން މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ރާއްޖެއިން މާދަމާ ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.