ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށްދާ އަލިމަސް ޔޫބީލް ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގްރާސްރޫޓް ފުޓުބޯޅަ ފެސްޓިވަލްތަކެއް ކުރިއަށް ގެންދަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ، (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް "ޑައިމަންޑް ޖޫބިލީ ކޮމިޓީ" އެއްވެސް އެކުލަވާލާފައިވެއެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސީ ކުރިން ގައުމީ ޓީމަށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭނެވެ.

ކޮމިޓީން މިހާތަނަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރަށްރަށުގެ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމާއި، ހާއްސަ މުބާރާތެއް ބޭއްވުން ހިމެނެއެވެ. އޭގެ އިތުރުންވެސް މުޅި ރާއްޖޭ ޝާމިލުވާނެ ބޮޑެތި އިވެންޓްތަކެއް ބާއްވަން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ.

އެފްއޭއެމްއިން މިއަދު އިއުލާނު ކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގްރާސްރޫޓް ފެސްޓިވަލްތަކެއް ބާއްވަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ފެސްޓިވަލް ބާއްވަން ނިންމާފައި ވަނީ މާލޭގައެވެ. އެއީ މިމަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހުއެވެ.

އެފްއޭއެމްއިން ބުނީ އެ ހަރަކާތުގައި މާލޭގެ ފުޓުބޯޅަ އެކަޑެމީތަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށެވެ.

އެ ހަރަކާތްތަކުގެ ތެރެއިން އެކަޑެމީތަކުގެ މެޗުތައް ކުރިއަށް ގެންދަންވެސް ނިންމާފައިވާ އިުރ، އެކަޑެމީތަކުގެ އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ކަންކަން ރާވާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.