އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25އ، ކަމަށާއި އޭނާ ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

އޭނާ ހައްޔަރުކުރީ ކަސްޓޯޑިއަލްއަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ދުވަހުގެ ރޭ 10:54 ހާއިރު އޭނާ ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެތި ފެނިފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހިއެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ނައުފްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދުވަހުން ފެށިގެން ނައުފް ހުރީ ފުލުހުންގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.