ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ފަށާފައިވާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ހދ. ކުޅުދުއްފުށިން އެ އަތޮޅު ނެއްލައިދޫ ބަލިކޮށްފިއެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި މިއަދު ފެށީ ހދ. އަތޮޅު މުބާރާތެވެ. އެ އަތޮޅުން ބައިވެރިވެފައި ވަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ، ހަނިމާދޫ އަދި ނޮޅިވަރަމެވެ.
ހދ. އަތޮޅުގެ ފުރަތަމަ މެޗުގައި މިއަދު ކުޅުދުއްފުށިން ނެއްލައިދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ކުޅުދުއްފުށީގެ މުހައްމަދު ޝިފާން ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ މުހައްމަދު މުންސިފާއި މުހައްމަދު އަނޫސް އާދަމެވެ. ނެއްލައިދޫގެ ގޯލްތައް ޖެހީ އިސްމާއީލް ވަހީދާއި މުހައްމަދު ނިސާހެވެ.
އެފްއޭމްއިން ތިން ރީޖަނަލް ލީގުގެ ތާރީހުތައް އިއުލާނު ކޮށްފައިވާ އިރު، ފުޓުބޯޅަ އޮނިގަނޑު އޮތް ގޮތުން ދެން ކުޅޭނީ މާލޭ ރީޖަންގެ މުބާރާތެވެ. އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެކެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ކޮންމެ ރީޖަނަކުންވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެއެވެ. މިހާރު އޮތް ގޮތުން އަންނަ މަހު ފަށައި، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓް ވާނެއެވެ.
އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.
ހދ. އަތޮޅު މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަނިމަދޫ ނުކުންނާނީ ނޮޅިވަރަމާ ދެކޮޅަށެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް