ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިިކުރި އިރު، މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޔޫވީ ކައިރިން ވިކްޓްރީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޖޯޖްލީ ގެރީ ވިކްޓްރީއާ ހަވާލުވިފަހުން އެޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން އެޓީމު މޮޅުވެފައިވާ އިރު، ބަލިވީ ހަމައެކަނި ނިއު ރޭޑިއަންޓް އަތުންނެވެ.

މިއަދު ކުޅުނު މެޗުގައި ވިކްޓްރީގެ ހަމައެކަނި ގޯލް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް، ވްލަޑިމިއޭ އެވަޓަންއެވެ. އެއީ 73 ވަނަ މިނެޓުގައެވެ.

ޖެހިޖެހިގެން ހޯދި ދެމޮޅާއެކު، ލީގުގައި ކުޅުނު ހަމެޗުން ނުވަ ޕޮއިންޓް ހޯދައި، ވިކްޓަރީން މިވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ.

މިރޭ ނިއު ރޭޑިއަންޓުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާއާއެކު، ނިއުއިން މިހާތަނަށް 16 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށްވެސް ހަމެޗުން 16 ޕޮއިންޓް ހޯދާފައިވާ އިރު، ނިއުއާއި އޮޑީގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.

ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ހަމެޗުން 18 ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުން ހަތަރު ސީޒަނުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ނިއުއިން 21 ވަނަ މިނެޓުގައި މޫސާ ޔާމިން (ޔާމްބެ)ގެ ގޯލަކުން ލީޑު ނަގާފައިވާ އިރު، ބުރުން ވަނީ 35 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލް ޖެހީ އަލީ އިޝްފާގު ހަަސަން މަޖީދެވެ. މެޗުން ނިއު މޮޅުކޮށްދިން ގޯލު ޖެހީ 67 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ.