ޔަންމާ ރެފްރިޖެރޭޓެޑް ސީވޯޓަ (އާރުއެސްޑަބްލިޔު) ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ޔަންމާއިން މުޅީން އަލަށް، އުފައްދާފައިވާ އާރުއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމުގެ ގޮތުން ގދ. މަޑަވެލީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޖެކްސަން ޓާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި މަޑުވެލި ކައުންސިލް ރައީސާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

31 އޮކްޓޯބަރު 2025، ގދ. މަޑަވެލި، ޔަންމާއިން އުފައްދާފައިވާ އާރުއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

މިރޭގެ ރަސްމިއްޔާތުގައި އާރުއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު "ކަމަނަ އޮޑި"ގެ ވެރިފަރާތް ސޯދިގު ހަަސަނަށް ހަނދާނީ ފިލައެއް އެރުވިއެވެ.

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތައާރަފުކުރި މި އާރުއެސްޑަބްލިޔު ނިޒާމަކީ، ރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަަޅަށް ހާއްސަކޮށްގެން މިގޮތަށް ތައާރަފުކުރި ފުރަތަމަ ނިޒާމެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. އެގޮތުން، ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ.

31 އޮކްޓޯބަރު 2025، ގދ. މަޑަވެލި، ޔަންމާއިން އުފައްދާފައިވާ އާރުއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި "ކަމަނަ އޮޑި" -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ އާރުއެސްޑަބްލިޔު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން، އެކަމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ކުރާނެ ކަމަށާއި އެގޮތުން އައިސް ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ ކަމަށެވެ. އަދި އުޅަނދު ހިންގަން، ކުރާ ހަރަދު ކުޑަކުރެވި އިސްރާފު މަދުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މަސް ފިނިކޮށްދީ، މަހުގެ ތާޒާކަންް ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި، މަސްވެރިންގެ އާމްދަނީވެސް އެތައްތަނެއް އިތުރުވާނެއެވެ. މީގެ އިތުރުން، އާރުއެސްޑަބްލިޔު އެކުލެވޭ ޒެކްނޮލޮޖީއާއި ކޮންޓްރޯލް ޔުނިޓުގެ ޔޫޒާ އިންޓަފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެއެވެ..،" އެމްޓީސީސީން ބުންޏެވެ.

31 އޮކްޓޯބަރު 2025، ގދ. މަޑަވެލި، ޔަންމާއިން އުފައްދާފައިވާ އާރުއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

އާރުއެސްޑަބްލިޔު ނިޒާމެއް ތައާރަފުކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ، އެ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް އެމްޓީސީސީއަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ އާރުއެސްޑަބްލިޔު ނިޒާމު ބޭނުންވާ ފަރާތްތަކަށް ހާއްސަ ފައިނޭންސިން ސްކީމެއް ވެސް އިފްތިތާހުކޮށްފައެވެ. އެ ސްކީމްގެ ދަށުން އާރުއެސްޑަބްލިޔު ޔުނިޓް، ޖެނެރޭޓަރު އަދި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޒް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.