ތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކުރުމަށް ބޮޑެތި ލުއިތަކެއް ނުދީފި ނަމަ، ހަނިމާދޫ އިންޓަނޭޝަަނަލް އެއާޕޯޓު ވެގެންދާނީ ގެއްލުމުގައި ހިންގާ އެއާޕޯޓަކަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވަމުން، "ހޯރަފުށީ ދުވަސް" ފާހަގަކުރުމަށް ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު ސަރުކާރުން ކުރަންވީ ކަމަކީ، އެ ސަރަހައްދުގައި ރިސޯޓުތައް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ފަރާތްތަކަށް ދޭންވާ އިންސެންޓިވްތައް ދީގެން ނަމަވެސް، އެކަން ކުރުން ކަމަށެވެ.
"ޓެކްސްއަށް ލުއިތަކެއް ދޭންވީ، ލޭންޑް ރެންޓު ވެސް ވަކި މުއްދަތެއް ވާންދެން ނުނަގަންވީ. އެކަހަލަ އިންސެންޓިވްތަކެއް ދީގެން ނޫނިއްޔާ، މި ސަރަހައްދުގައި އަލަށް މީހުން އައިސް ފަށައެއް ނުގަންނާނެ. މި ކަންތައްތައް ނުކޮށްފިއްޔާ، ހަނިމާދޫ އެއާޕޯޓު ވެގެންދާނީ ބޮޑު ގެއްލުމެއްގައި ހިންގާ ތަނަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަންވީ އެ ކަންތައް ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެންނަ ކަމަށެވެ. އަދި މިހާރު ފެންނަނީ އެއްވެސް ޕްލޭނެއް ނެތި، ވައުދުތައް މައްޗަށް ވައުދުވަމުންދާ ތަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގައި 15 އެއާޕޯޓު ހެދުމުގެ ވާހަކަދައްކަނީ އެއްވެސް ޕްލޭނެއް ނެތި، ފައިސާ ހޯދާނެ ގޮތެއް ނެތި ކަމަށާއި ކިތަންމެ އެއާޕޯޓެއް ހެދިޔަސް ޕްލޭނެއް އޮންނަންވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކުރުމަށް ބޮޑެތި ލުއިތަކެއް ދޭންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިން އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކޮށްފައެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ. އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިން އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދޭނެ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިން އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފު ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އަދި، އެ ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފު ކެޓެގަރީއަށް އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރުން އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ވެސް ފަހިކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު