ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުރުފުޅުގެ ތެރެއިން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިއްފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ދިއްފުށި ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރޭގައި 22.97 ހެކްޓަރުގެ ބިންހިއްކުން، 670 މީތަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން، މިހާރު ޖަހާފައި ހުރި ގްރޮއިންއަށް 270 މީޓަރު އިތުރުކުރުން، މިހާރު ޖަހާފައިހުރި ރިވެޓްމަންޓްގެ 300 މީޓަރު މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 157.33 މިލިޔަން ރުފިޔާއަށް 450 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.