މިއަހަރު ޖޫން މަހު އެކަކުން ހަޔަކަށް ދިއްފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ ކައިޓް ސާފިންގެ ބޮޑު ހަރަކާތް، ރާރާ ޕްރޯ 2026 މިއަދު ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރުވެސް ދިއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ކާމިޔާބުކަމާއެކުގައެވެ. މިދިޔަ އަހަރުގެ މުބާރާތްވެސް އުފާވެރި މާހައުލެއްގައި ނިމިގެން ދިޔަ އިރު، އިވެންޓް ނިމިގެން ދިޔައީ 20 އެތުލީޓުންނާއެކު ހިތްގައިމު މުބާރާތެއްގެ ގޮތުގައެވެ. ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) މުބާރާތް ކާމިޔާބުކުރި އިރު، ރާރާ ޕްރޯއަކީ ރާއްޖޭގައި ފެށި މުޅިން އާ ކައިޓް ސާފިން ބޮޑު ހަރަކާތެކެވެ.

12 ޖުލައި 2025، ދިއްފުށި، ރާރާ ޕްރޯ 2025 ގެ ފައިނަލް ޑޭ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.

މިއަދު ރަސްމީކޮށް އިވެންޓް އިއުލާނުކުރުމަށް ބޭއްވި އިވެންޓް އޮތީ ޝީ ބިލްޑިންގްގައެވެ. އެ އިވެންޓްގައި އައިކޯނިކް އިވެންޓްސްގެ ފަރާތުން ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ އަލުން ރާރާ ޕްރޯ އިއުލާނުކުރަނީ އިތުރު ކެޓަގަރީއަކާވެސް އެކުގައި ކަމަށެވެ. މިދިޔަ އަހަރު ސްލަލޮމް ރޭސިން ކެޓަގަރީ އެކަނި ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރު ފްރީ ސްޓައިލް ކައިންޓްބޯޑިންގެ ކެޓަގަރީވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ރަޝް ފާހަގަކުރެއްވިއެވެ.

ރަޝް އިތުރަށް ވިދާޅުވީ މިދިޔަ އަހަރަށްވުރެ ގިނަ އެތުލީޓުން މިފަހަރު ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އިވެންޓްގައި ބައިނަލްއަގުވާމީ އެތުލީޓުން ފެނިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއާއެކު ރަޝް ފާހަގަކުރެއްވީ ކައިޓް ސާފިންއިން ރާއްޖޭގެ ހިތްގައިމުކަން ތަފާތުކޮށް ފެނިގެންދާ ކަމަށާއި، އުންމީދަކީ ދިއްފުށީގެ ފަތުރުވެރިކަމާއި ވިޔަފާރިތަކަށްވެސް އިވެންޓުން ފައިދާތައް ލިބުގެން ދިޔުން ކަމަށެވެ.

https://web.facebook.com/permalink.php?story_fbid=pfbid02iL95VV55gnrRZitEGrJbv2AGhHj6Pnic6bBSZH2wRnFxNcd6vmfjcqdFev9WZCMcl&id=61567318384297

މިއަހަރު ރާރާ ޕްރޯގެ އެމްބެސެޑަރަކީ ހދ. ވައިކަރަދުއަށް ނިސްބަތްވާ ވިސާމް މުހައްމަދު (ތޮއްތޮ) އެވެ. އޭނާއަކީ މިދިޔަ އަހަރު އިވެންޓްގެ ތިންވަނަ ހޯދި އެތުލީޓެވެ. އެމްބެސެޑާޝިޕާއެކު ތޮއްތޮ "ވަން ސްޕޯޓްސް"އަށް ބުނީ ފުރަތަމަ ކައިޓް ސާފިންނަށް ވަދެވުނީ ރަށުގެ މާހައުލުން ކަމަށާއި، މުބާރާތްތަކަށް ޝައުގުވެރިވީ ރިސޯޓު ވަޒީފާގެ ތެރޭގައި މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ އަހަރު ޕޯޑިއަމް ފިނިޝްއަކަށް ދެވުމަކީ ކުޅިވަރަށް އިތުރު ޝައުގުވެރިވި ސަބަބެއް ކަމަށާއި، ރާރާ ޕްރޯގެ އެމްބެސެޑަރަކަށްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ތޮއްތޮ ފާހަގަކުރިއެވެ.

ރާރާ ޕްރޯ 2026 އިއުލާނުކުރުމަށް ބޭއްވި އިވެންޓްގައި ތޮއްތޮ، ހާއްސަ ކިޓާއެކު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަދު މިއަހަރު އިވެންޓްގެ ރަސްމީ ޕޯސްޓަރު ދައްކާލާފައިވާ އިރު، އެތުލީޓުން ބޭނުންކުރާ ހާއްސަ ކިޓްވެސް ދައްކާލާފައިވެއެވެ.