މިއަހަރު ޖޫން މަހު އެކަކުން ހަޔަކަށް ދިއްފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ ކައިޓް ސާފިންގެ ބޮޑު ހަރަކާތް، ރާރާ ޕްރޯ 2026 އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސާ، އެކަން އިއުލާނު ކޮށްފިއެވެ.
ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރުވެސް ދިއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ކާމިޔާބުކަމާއެކުގައެވެ. މިދިޔަ އަހަރުގެ މުބާރާތްވެސް އުފާވެރި މާހައުލެއްގައި ނިމިގެން ދިޔަ އިރު، އިވެންޓް ނިމިގެން ދިޔައީ 20 އެތުލީޓުންނާއެކު ހިތްގައިމު މުބާރާތެއްގެ ގޮތުގައެވެ. ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) މުބާރާތް ކާމިޔާބުކުރި އިރު، ރާރާ ޕްރޯއަކީ ރާއްޖޭގައި ފެށި މުޅިން އާ ކައިޓް ސާފިން ބޮޑު ހަރަކާތެކެވެ.
މިދިޔަ އަހަރުގެ ރާރާ ޕްރޯގެ މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. ރާރާ ޕްރޯގެ މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އިވެންޓްގައި ވަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ވަނީ "ވަން ސްޕޯޓްސް" އެޑިޓަރު، މުހައްމަދު ޝަމްއޫނެވެ. ރާރާ ޕްރޯ ބާއްވާ އައިކޯނިކް އިވެންޓްސްގެ ފަރާތުން ސޮއިކުރެއްވީ ފައުންޑާ ހަސަން ރަޝީދު (ރަޝް) އެވެ.
މިފަހަރުގެ އިވެންޓް އިއުލާނުކުރުމަށް މީގެކުރިން ބޭއްވި ހަފުލާގައި ރަޝް ފާހަގަކުރައްވާފައި ވަނީ މިދިޔަ އަހަރު މުބާރާތް ފުރިހަމައަށް ކަވަރު ކޮށްދިނުމުގައި "ވަން ސްޕޯޓްސް"ގެ ޓީމުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ޓީމުން އެކަމަށް ހޭދަކުރި ވަގުތާއި އެ މަސައްކަތަށް ދިން ސަމާލުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ.
"ވަން ސްޕޯޓްސް"ގެ ފަރާތުން ޝަމްއޫން ފާހަގަކުރެއްވީ، ރާރާ ޕްރޯއަކީ ހުނަރުވެރި އެތުލީޓުންތަކެއް ފެނިގެންދާ ފުރިހަމަ އިވެންޓެއް ކަމަށެވެ. ހާއްސަކޮށް އެ އިވެންޓަކީ އުފާވެރި މާހައުލެއްގައި ކުރިއަށްދާ ދިއްފުއްޓަށް އަންނަ އީދެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ޝަމްއޫން އިތުރަށް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބެލުންތެރިންނާ ހަމައަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އައިކޯނިކް އިވެންޓްސްއިން ދެމުންދާ އިތުބާރަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަހަރު ރާރާ ޕްރޯގެ އެމްބެސެޑަރަކީ ހދ. ވައިކަރަދުއަށް ނިސްބަތްވާ ވިސާމް މުހައްމަދު (ތޮއްތޮ) އެވެ. އޭނާއަކީ މިދިޔަ އަހަރު އިވެންޓްގެ ތިންވަނަ ހޯދި އެތުލީޓެވެ.
މިއަހަރު ރާރާ ޕްރޯ އިއުލާނުކުރަނީ އިތުރު ކެޓަގަރީއަކާވެސް އެކުގައި ކަމަށެވެ. މިދިޔަ އަހަރު ސްލަލޮމް ރޭސިން ކެޓަގަރީ އެކަނި ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރު ފްރީ ސްޓައިލް ކައިންޓްބޯޑިންގެ ކެޓަގަރީވެސް ކުރިއަށް ގެންދަން ރާވާފައިވެއެވެ.
ކުރިއަށްވުރެ އެތުލީޓުން ގިނަކޮށް މިއަހަރުގެ އިވެންޓް ފެނިގެންދާނެއެވެ. އެއާއެކު އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ) ވާދަކުރާނެކަން އިއުލާނު ކޮށްފައިވެއެވެ.
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ