ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ދާން އޮންނަ ވޯކްވޭ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެރޭ ފަތިހު 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރާއި ފޮޓޯ އާއްމުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ހައްޔަރުކުރި ހަތަރު މީހުން
- މާޒިން މޫސާ، 25، ރޭޝަމް / ލ.މާވަށް،
- އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް / މާލެ،
- އިބްރާހީމް އަނޫފް، 24، އަޅިވިލާގެ / ކ.ގުރައިދޫ،
- އަދި ހުސައިން ޝަހުދު، 30، އަޅިވިލާގެ / ކ.ގުރައިދޫ
ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް އިއްޔެރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.
ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ.
ފުލުހުން އިއްޔެ ވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުންނާއި އެ މީހުން ފިލަން މަސައްކަތް ކުރި ލޯންޗު ހޯދައިފައެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ފިލަން ދިޔައީ ކ. ހުރަޔަށެވެ. އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހުރަޔަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ. އެ މީހުން ހުރައަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 8:00 ޖަހާކަންހާއިރު އެވެ. އެހެންކަމުން އެއާޕޯޓުން ޑޮލަރު ފޭރިގެން އެ މީހުން ފުރަތަމަ ދިޔަ ތަނެއް ސާފެއް ނޫނެވެ.
އަލީ ޔާމިން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން