ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓާއި ކްލަބު އީގަލްސް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ނިއުއާއި އީގަލްސް އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ނިއުއަށް ލީގު އެއްވަނައަށް އަރަން ފުރުސަތު އޮތް ނަމަވެސް، މިވަގުތު އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ 13 ޕޮއިންޓާއެކުގައެވެ.

އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ނިއުއާއި ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ.

ރޭގެ ޕޮއިންޓަކީ އީގަލްސްއަށް މުހިއްމު ޕޮއިންޓެކެވެ. މެޗަށް ނުކުތް އިރު، އީގަލްސް ތާވަލުގެ ފުލުގައި އޮތް ނަމަވެސް، މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމު ވަނީ އަށް ވަނައަށް ޖެހިލައިފައެވެ. އެއީ ފަސް މެޗުން ތިން ޕޮއިންޓާއެކުގައެވެ.

މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންވެސް މޮޅެއް ނުހޯދި އޮތް އީގަލްސްގެ ކޯޗު ކަމާ އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވިފަހުން ކުޅުނު ތިން މެޗުންވެސް ވަނީ އެއްވަރުވެފައެވެ.

އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އަށް މެޗުގައި ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ނިއުގެ އަހުމަދު ހުސާމް (ހުސާންކޮ)އާއި މުހައްމަދު ސަހާއު (ބޭލް) އަށް ގޯލް ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ.