ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރަޖިސްޓްރޭޝަން ފީ ދައްކައިފައިނުވަނީ އެ އޮފީހުގެ ކުށަކުން ނޫން ކަމަށާއި އެއީ ހައިކޯޓުގެ އިދާރީ އޮޅުމެއްގެ ސަބަބުން ދިމާވި ކަމެއްކަމަށް ހައިކޯޓުން ބުނެފިއެވެ.
މަސްތުވާތަކެތީގެ މި މައްސަލައިގައި އިރުފާންގެ އިތުރުން، އިތުރު ދެ މީހަކަށް ވެސް ދައުލަތުން ދައުވާކުރިއެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މި އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ކުރި ހުކުމް ޕީޖީ އޮފީހުގެ ފަރާތުން ޖުލައި 16 ގައި ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު، މީޑިއާތަކަށް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އިރުފާން ތަގިއްޔުގެ މައްޗަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ކަމަށް ބުނެ ރަޖިސްޓްރާގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން މިމަހުގެ ފަސްވަނަ ދުވަހު ޕީޖީ އޮފީހަށް މެއިލްކުރިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލަށް އެ ލިޔުން ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ. އަދި އެފަދަ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލަށް އެ ދުވަހާ ޖެހިގެން އައި ދުވަހު ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރި ނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވާ ކަމަށް ޝަފީއު ވިދާޅުވެފައިވެއެވެ.
ޝަފީއު މިމަހުގެ 19 ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖާއާ ކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށްފަހު މިއަދު ވަނީ "ނިންމުން މުރާޖައާކޮށް ނިމުނު ގޮތް" އާންމުކޮށްފައެވެ.
އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު މައްސަލައިގެ ރައުޔުގައި ވިދާޅުވީ ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހުގައެވެ. ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ [email protected],mv މެއިލް އެޑްރެހުން ކަމަށެވެ. ކޯޓުން ވަނީ ފަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އެދި މިމަހުގެ ހަވަނަ ދުވަހު އެ އީމެއިލަށް ފޮނުވައިފައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ އިސްތިއުނާފީ މައްސަލަތަކުގައި ކޯޓުގެ ހުރިހާ ރަސްމީ ލިޔެކިޔުމެއް ހިއްސާކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ވަކި އީމެއިލް އެޑްރެހެއް ކަނޑައަޅައި 2022 ވަނަ ދުވަހުގެ ސެޕްޓެމްބަރުމަހުގެ ހަަތަރުވަނަ ދުވަހު ހައިކޯޓަށް އަންގާފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުގެ ފަރާތުން ކަނޑައަޅާފައިވާ އެ އީމެއިލް އެޑްރެހަކީ [email protected] ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ކޯޓު ރަޖިސްޓްރޭޝަން ފީ ދައްކަން އަންގައި ޕީޖީ އޮފީހަށް ފޮނުވި އީމެއިލް ފޮނުވާފައި އޮތީ [email protected] އަށް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ހައިކޯޓުގެ ކުރިމަތީގައި މިހާރު އޮތް ސުވާލަކީ އިސްތިއުނާފީ މައްސަލަަތަކުގައި މުއާސަލާތު ކުރާނެ ރަސްމީ އީމެއިލް އެޑްރެހެއް ކޯޓަށް ދީފައިވާ އިރު، އަދި ހައިކޯޓާއި ޕީޖީ އޮފީހުން އެގޮތަށް ރުހި، އަމަލުކުރަމުން ދަނިކޮށް، ފަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި އެ ނޫން އެހެން ޗެނަލަކުން ފޮނުވި ނޯޓިހަކީ ޕީޖީ އޮފީހަށް އެންގުނު ސައްހަ އެންގުމެއްގެ ގޮތުގައި ބެލިދާނެތޯ އޮތް ސުވާލު ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ހައިކޯޓާއި ޕީޖީ އޮފީހާ ދެމެދު އަމަލުކުރަމުން އައި ގޮތާ ހިލާފަށް މި މައްސަލައިގައި އަމަލުކުރެވިފައިވުމަކީ އުފެދޭ ސުވާލެއް ކަމަށެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޯޓުން އެންގި ސައްހަ އެންގުމެއް ނެތްކަމަށް ބުރަވެވޭތީ، ކޯޓުން އެންގި އެންގުމާ ޕީޖީ އޮފީހުން ހިލާފުވެފައިވާކަމަށް މި ހާލަތުގައި ނުބެލެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ޕީޖީ އޮފީހުގެ ފަރާތުން އިސްތިއުނާފީ މުއާމަލާތްތައް ކުރުމަށް ހާއްސަ މެއިލް އެޑްރެހެއް ދީފައިވަނިކޮށް، އެހެން އީމެއިލް އެޑްރެހަކަށް ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި ފޮނުވުނީ ހައިކޯޓުގެ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އޭރު އަމަލުކުރަމުންދިޔައީވެސް އޮޅުންތައް އަރާނެފަދަ ގޮތަކަށް ކަމަށެވެ. ސަބަބަކީ ޕީޖީ އޮފީހުގެ ފަރާތުން އިސްތިއުނާފާ ގުޅޭ ލިޔުންކިޔުންތައް ހިއްސާކުރުމަށް އެކިފަހަރު އެކި އީމެއިލް އެޑްރެސްތައް ބޭނުންކުރުންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އާންމު އުސޫލަކީ އެ އީމެއިލަކަށް ޖަވާބުދެނީ އެ އީމެއިލެއް ފޮނުވި މެއިލް އެޑްރެހަށް ކަމުގައިވިޔަސް، ޕީޖީ އޮފީހުގެ ފަރާތުން ހައިކޯޓާ މުއާމަލާތް ކުރަމުން އައީ އެގޮތާވެސް ހިލާފުކަމަށްވާތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"މި ހާލަތުގައި، ރަޖިސްޓްރޭޝަން ފީ ދައްކަން އެންގި އެެންގުން ރަސްމީ ޗެނަލުން ފޮނުވިފައިނެތީސް، ރަޖިސްޓްރޭޝަން ފީ ދައްކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މުހުލަތެއް ދެވި، އެކަން އެންގިފައިވާކަމުގައި ބެލުމަކީ، އަދުލުވެރި، އިންސާފުވެރި އަދި ޒިންމާދާރު ނިންމުމަކަށްވާނެ ހަމައެއް އޮތްކަމަށް އަހަރެން ނުދެކެމެވެ" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގައި އަރައިފައި އޮތް އޮޅުމަކީ، އިދާރީ އޮޅުމެއް ކަމަށާއި ރަޖިސްޓްރޭޝަން ފީ ނުދެއްކުމަކީ ޕީޖީ އޮފީހުގެ ކުށެއްނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލައެއް ހުށަހެޅުމުން ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ އިޖުރާއަތްތައް އެކުލަވާލާފައިވަނީ އިންސާފަށް ވާސިލުވުމަށް ކަމަށާއި އަދުލު އިންސާފަށް ހުރަސް އެޅުމަށް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އަދުލު އިންސާފުގެ މަގު ބެއްދުމެއްވެސް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެންމެ މުހިންމު އިސްކަމެއް ދޭންވާނީ އިންސާފު ގާއިމުކުރަންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފާ ގުޅިގެން ބޭނުންކުރާނެ ވަކި ހާއްސަ ރަސްމީ އީމެއިލް އެޑްރެހެއް ކޯޓަށް އެންގުމުން، ގާނޫނީ ގޮތުން ބެލެވޭނީ، އެންގުންތައް އަންގަންޖެހޭ ހަމައެކަނި އެޑްރެހަކީ އެއީ،" ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން ފަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި ރަސްމީ އީމެއިލް އެޑްރެސް ނޫން އެހެން އެޑްރެހަކަށް ކޯޓުން މެއިލްކުރިކަން، އަސާސަކަށް ބަަލައިގެން، ފީ ދައްކައިފައިނުވާ ކަމަށް ބަލައި އެ މައްސަލަ ރަޖިސްޓްރީކޮށްނުދީ ބޭރުކުރިކުރުން ބިނާވެފައިވަނީ އިޖުރާއީ ގޮތުން ގޯސް އަސާސެއްގެ މައްޗަކަން އަހުރެންނަށް ފާހަގަކުރެވެއެވެ"
އެހެންކަމުން ޕީޖީ އޮފީހުގެ ފަރާތުން ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަރުވާކުޑަކުރިކަމަށް ނުބެެލެވެއެވެ. ބޮޑަށް ބެލެވެނީ ރަޖިސްޓްރޭޝަން ފީ ދައްކަން އެންގި އެންގުން ޕީޖީ އޮފީހުގެ ސަމާލުކަމަށް އައިސްފައިނުވުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެކަން ޕީޖީ އޮފީހުގެ ސަމާލުކަމަށް އައިސްފައިނުވަނީ ކަނޑައެޅިފައިވާ ރަސްމީ ޗެނަލުން މުއާމަލާތް ކުރެވިފައިނުވުމުގެ ސަބަބުންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ޝަފީއު ވިދާޅުވީ ރަޖިސްޓްރޭޝަން ފީ ނުދައްކާ ކަމަށް ބުނެ އިސްތިއުނާފީ ފޯމު ބަލައިނުގަތުމަށް ރަޖިސްޓްރީ ނިންމި ނިންމުން ބާތިލުކޮށް، މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ރަސްމީ އީމެއިލް އެޑްރެސް މެދުވެރިކޮށް އަލުން އަންގައި ރަޖިސްޓްރޭޝަން ޕްރޮސެސް އަލުން ކުރިއަށް ގެންދިޔުމަށް ނިންމަން ފެންނަ ކަމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރުމަށެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
މިފަދަކަންތައް ކުރާބަޔަކަށް އޮޅުމަކުންނޭބުނާނަމަ އެއީސިކުނޑީގެއޮޅުމެއް
އިއްބެ - 8 މަސް ކުރިން