ޅ. އޮޅުވެލިފުށި ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކާއި ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ފުރާވަޑައިގެންފައެވެ.

މި ދަތުރު ތަކުގެ ތެރެއިން ރައީސް މިއަދު އޮޅުވެލިފުއްޓަށްވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި އޮޅުވެލިފުށި ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އޮޅުވެލިފުށީ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 66.40 ލިމިޔަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާ ހަވާލުކުރާގޮތަށެވެ.

27 އޮކްޓޯބަރު 2025: ޅ. އޮޅުވެލިފުށި ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ފެށުން --- ފޮޓޯ/އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 49،857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
  • 14،160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 172 މީތަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
  • 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮށްޓެއް ޖެހުން.
  • 156 މީޓަރު ސަރަހައްްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއްލުން.
  • 246 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭންޕެއް ހެދުން.
  • 27 މީޓަރު ދިގު ފަސް މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުން.
  • 132 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން.
  • 1149 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން.
  • ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން.
  • ފެރީ ބަނދަރުކުރަން އެކްސެސް ޕޯޓެއް ހެދުން.