ޅ. އޮޅުވެލިފުށި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮޅުވެލިފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އާއި އޮޅުވެލިފުށި ހިމެނޭ، ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާމިން ހަބީބް އާއި އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް އެވެ.

އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާއެވެ.

ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރެއް ގާއިމުކޮށް އެރަށެއްގެ ރައްޔިތުންނަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެސެންޓަރުތައް ގާއިމުކުރަނީ އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ޖިމާއި އެރޮބިކްސް ހިމެނޭހެން ތަފާތު އިންޑޯ ކުޅިވަރުތައް ކުޅޭވޭ ގޮތަށެވެ.