ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައިވާ ތިބި މީހުންނަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބުނީ ރަޖިސްޓްރީވާން ޖެހޭނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓާ ޕާޓީގެ ދަފުތަރުގައި ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ޕްރިއިމަރީގައި ވޯޓުލެވޭނީ 26 ނޮވެމްބަރު 2025 ވާ ބުދަ ދުވަހާ ހަމައަށް މި ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާ މެންބަރުން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން މިއަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފައިވާ ކަމަށެވެ. އެ ފުރުސަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިމަހުގެ 18 ވަނަ ދުވަހު ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވައިލާނެ ކަމަށެވެ. އެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ އިންތިހާބަށް ގާތްގަނޑަަކަށް 70 މިލިއަން ރުފިޔާއާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެކަމަށް އަންދާޒާކުރެވޭ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ.