ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންކަން "ވަން" އަށް އެނގިއްޖެއެވެ.
ފަހުން ހައްޔަރުކުރި ތިން މީހުން
- އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ.ވައިކަރަދޫ
- ހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫ
- އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުންނަކީވެސް ސިނގިރޭޓް ކޮންޓެއިނަރުތައް ގެއްލުނު ހުޅުމާލެ ޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެ މީހުން ހައްޔަރުކުރުމުގެ ކުރީން އެމްޕީއެލް އިން ވަނީ އެ މީހުން ސަސްޕެންޑްކޮށްފައިކަން ވެސް "ވަން" އަށް ވަނީ އެނގިފައެވެ. އެ މީހުން ސަސްޕެންޑްކުރީ މި މައްސަލައިގެ ތަހުގީގާ ގުޅިގެންނެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން ފަހުން ހައްޔަރުކުރި ތިން މީހުންނާ އެ މައްސަލައާ ގުޅޭ ސީދާ ސަބަބެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.
އެ ތިން މީހުންނާއެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރައިފައެވެ.
އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިމަހުގެ 22 ގައި ބުނެފައިވަނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ދިގަލި ވަހީދާއެކު ފުރަތަމަ ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފާއި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒު އަލީއެވެ.
އޭގެ ފަހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
އަލީ ޔާމިން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން