މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ފުލުހުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ތިބި މީހުންގެ ތެރެއިން ގިނަ މީހުން މޮނިޓަރިން ނިޒާމުގެ ދަށުން ބަންދުން ދޫނުކުރުމަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މިއަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފައެވެ. ރައީސް ވަނީ ބަންޑާރަ ނައިބާއި ޕީޖީ އޮފީހާއެކު މަޝްވަރާކުރައްވައި އެކަން ކުރެވިދާނެތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން ވަނީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކުރަން ފަށައިފައެވެ.

ޕީޖީ އޮފީހުން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެއް ހަދާނެ ކަމަށެވެ.

އެ އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނީޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާން ކުރާނެއެވެ. އެ އެސެސްމަންޓަކީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓެކެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ ޓެގް އަޅުވައި ދޫކުރުމަށް، މިދިޔަ ޖޫން މަހާ ހަމައަށް 92 އެސެސްމަންޓެއް ހެދުމަށް އެދިފައިވާ ކަމަށެވެ. ޝަފީއު ވިދާޅުވީ އޭގެ ތެރެއިން 13 މީހަކު ޓެގު އެޅުވުމަށްފަހު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"ފުލުހުން އެސެސްމެންޓް ހަދަނީ، އެސެސްމެންޓް ހަދާ ގިނަ މީހުން ބަންދުން ދޫނުކުރަން ފުލުހުން އެދެނީ، އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މޮނިޓަރިންގެ ނިޒާމުގެ ދަށުން ޓެގު އެޅުވުމަށްފަހު 20 މީހަކު ބަންދުން ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.

މޮނިޓަރިން ނިޒާމުގެ ދަށުން ޓެގު އެޅުވުމަށްފަހު މީހުން ބަންދުން ދޫކުރަން ފެށީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތީން ބަންދަށް ލުއި ދޭނީ ގިނަވެގެން 100 ދުވަހަށް ކަމަށާއި ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.