އިންޑިއާގައި ބަހެއްގައި ރޯވެ 19 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ދެކުނުން އޮންނަ އާންދްރަ ޕްރަދޭޝްގެ ހައިވޭއެއްގައި ދަތުރުކުރަމުން ދިޔަ އެ ބަސް ރޯވެފައިވަނީ ސައިކަލަކާއި ބަހާއި މުޑިއެރުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި މިހާތަނަށް 19 މީހަކު މަރުވެފައިވާއިރު ގިނަ ބަޔަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ސީރިޔަސް އަނިޔާތަކެއް ލިބުނު މީހުންވެސް ތިބިކަމަށާއި މަރުވި މީހުންގެ އަދަދު އިތުރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބެލެވޭކަަމަށް ވެސް ބުނެފައިވެއެވެ.

މިހާތަނަށް ބެލި ބެލުމުން ބަހުގައި ސައިކަލު ޖެހި އެކްސިޑެންޓު ވެ ސައިކަލު ބަހުގެ ދަށުގައި ތާށިވި ކަމަށް އޮފިޝަލުން ބުނެއެވެ. ބަހުގެ ދަށުގައި ސައިކަލު ތާށިވުމާއެކު ސައިކަލުގެ ތެޔޮ ޓޭންކުން ލީކުވެ އަލިފާން ރޯވީ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

40 މީހުން ދަތުރުކުރި އެ ބަހުގައި ރޯވި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ބަހަށް ފެތުރި މީހުންނަށް ސަލާމަތްވާން ފުރުސަތު ނުލިބުނީ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ. އަލިފާން ނިއްވާ މީހުންނަށް އެ ސަރަހައްދަށް ދެވުނު އިރު ބަސް އެއްކޮށް އަނދަފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބަހުގައި ރޯވި ހާދިސާގެ ތަހުގީގު ފަށައިފައިވާއިރު މިހާތަނަށް ބެލި ބެލުމުން ބަހުގައި ރޯވުމާއެކު ބަހުގެ ޑްރައިވަރު ފިލާފައިވާކަމަށް ހާމަވެފައިވެއެވެ.