ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި އެ ކޮންޓޭނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

މިއީ އެ މައްސަލައިގައި ހައްޔަރުކުރި ހަވަނަ މީހާއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ހަވަނަ މީހަކީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަހީދު (54އ)އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ހަތް ދުވަހުގެ މުއްދަތެއް ޖެހީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމުން ވަކީލާ ބައްދަލުކޮށް މަޝްވަރާކުރެވިފައިނުވާތީ ކުރު މުއްދަތެއްދިނުމަށް ދިފާއީ ވަކީލު އެދިފައިވާތީއެވެ.

އޭނާގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ އެބަހުއްޓެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ޖިނާއީ ކުށެއްގެ ތުހުމަތެވެ. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެކަމަށް ފެންނަ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

ފުލުހުން މިމަހުގެ 22 ގައި ބުނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން މިމަހު 22ގައި ވެސް އިތުރު މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ނަމަވެސް އެ ރޭ ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒު އަލީއެވެ.

މިމަހުގެ 15 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ މުއާޒުގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ އޭނާ މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިދީފައެވެ. ދެން ހައްޔަރުކުރި އާރިފާއި ޒިވާރުގެ ބަންދަށް މިމަހުގެ 15 ވަނަ ދުވަހު ކޯޓުން ޖަހައިފައިވަނީ 15 ދުވަހެވެ. ދިގަލި ވަހީދުގެ ބަންދަށް މިމަހުގެ 15 ވަނަ ދުވަހު ކޯޓުން ޖަހައިދީފައިވަނީ 10 ދުވަހެވެ.

މުއާޒުގެ ދެވަނަ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާއަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އަމުރުގައިވާ ގޮތުން މުއާޒް ކުށްކުރުމުގައި ބައިވެރިވިކަމަށް ގަބޫލުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ.

ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވަނީ މުއާޒުގެ ހައްޔާރާ މެދު އެންމެ ފުރަތަމަ ބޭއްވި މަޖިލީހުގައި ފަނޑިޔާރު ގޮތެއް ނިންމާފައިވީ ނަމަވެސް، ހައްޔަރާ ގުޅޭ އިޖުރާއީ ނުކުތާއެއް މުއާޒުގެ ފަރާތުން އޭނާގެ ވަކީލުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ވަކީލުގެ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން، މުއާޒުގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ކަނޑައެޅިދާނެ ފަދަ ގާނޫނީ ނުކުތާއެއް ވަކީލަށް ހުށަހެޅިފައި ނުވާކަމަށް ގާޒީ އިތުރު ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"މީނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފުސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވޭ. މީނާއާ މި ކުށާއި ގުޅުވައި ނުލެވޭނެކަމަށް ވަކީލު ފާހަގަކުރި ނަމަވެސް، އެ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ" ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ ވިދާޅުވެފައިވަނީ މުއާޒަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށެވެ.

"މި ތުހުމަތުކުރެވިފައިވާ އަމަލު ހިންގުމުގައި، އިތުރު ފަރާތްތަކެއް ޝާމިލު ވެފައިވާކަން އައިއޯގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގޭ" ގާޒީ ވިދާޅުވެފައިވެއެވެ.

މުއާޒުގެ ފަރާތުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް ގާޒީ ނިންމެވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވުމުންނާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެތީކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ލޮޓަސްގެ ވެރިޔާ އާރިފާއި އެޕޯލޯގެ ވެރިޔާ ދިގަލި ވަހީދަށް ފުލުހުން ތުހުމަތުކުރަނީ ފަންޑުކުރިކަމުގެ ތުހުމަތެވެ. އެކަމުގެ ހެކިތައް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.