ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ލިވަޕޫލާއި ޗެލްސީގެ އިތުރުން ބަޔާން މިއުނިކްވެސް ތަފާތު ބޮޑުކޮށް މޮޅުވެފައިވާ އިރު، ރެއާލް މެޑްރިޑުން ޔުވެންޓަސް ބަލިކޮށްފިއެވެ.
ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަޔެކްސް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
އެމެޗުގެ ކުރީކޮޅުގައި އަޔެކްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކެނެތު ޓެއިލާއަށް ސީދާ ރަތް ކާޑެއް ދެއްކުމެވެ. އެހިސާބުން މެޗުގެ އޮއިވަރު ބަދަލުވެ، ޗެލްސީއަށް ފުރުސަތު ފަހިވިއެވެ. އޭގެ 18 މިނެޓް ފަހުން ޗެލްސީން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ މާކް ގީއޫއެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލްތައް ފެނިގެން ގޮސްފައިވާ އިރު، މޮއިސަސް ކައިސޭޑޯއާއި އެންޒޯ ފެނާންޑޭޒް ޗެލްސީއަށް އިތުރު ގޯލްތައް ޖެހިއެވެ. ފެނާންޑޭޒް ޕެނަލްޓީއަކުން ގޯލް ޖެހި އިރު، އަޔެކްސްއަށް ލިބުނު ޕެނަލްޓީއެއްގައި ވޯޓް ވެގޯސްޓްވެސް ގޯލެއް ޖެހިއެވެ.
ދެވަނަ ހާފުގައި ޗެލްސީއަށް އިތުރު ޕެނަލްޓީއެއް ލިބި، ވިލިއަމް އެސްޓެވާއޯ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އަދި އޭގެފަހުން ޗެލްސީގެ ފަސްވަނަ ގޯލް ޖެހީ ތޯރިގު ޖޯޖެވެ.
ރޭގެ މެޗުގެ ކުރިން އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައި އޮތް ލިވަޕޫލް ރޭ ރަށުން ބޭރުގައި ފްރެންކްފާޓް ބަލިކުރީ 1-5 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ރަސްމުސް ކްރިސްޓެންސެން ޖެހި ގޯލުން ފްރޭންކްފާޓް ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ތިން ގޯލް ޖަހައިފައެވެ. އެ ގޯލްތައް ޖެހީ ހޫގޯ އެކެޓީކޭއާއި ވާޖިން ވެން ޑައިކް އަދި އިބްރާހިމާ ކޮނާޓޭއެވެ.
ދެވަނަ ހާފުގައިވެސް ލިވަޕޫލުން މޮޅަށް ކުޅެފައިވާ އިރު، އެޓީމުން ދެން ޖެހި ދެ ގޯލް ޖެހީ ކޯޑީ ގަކްޕޯއާއި ޑޮމިނިކް ޒޮބޮސްލާއީއެވެ.
ރޭ ރެއާލުން ޔުވެންޓަސް ބަލިކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ.
ބަޔާނުންވެސް ބޮޑު މޮޅެއް ހޯދާފައިވާ އިރު، އެޓީމުން ކްލަބު ބްރޫޖް ބަލިކުރީ 4-0 އިންނެވެ. މެޗުގައި ބަޔާންގެ ގޯލްތައް ޖެހީ ލެނަޓް ކާލްއާއި ހެރީ ކޭން އަދި ލުއިސް ޑިއާޒެވެ. އޭގެ އިތުރުން ދެން ގޯލް ޖެހީ ނިކޮލަސް ޖެކްސަންއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު