ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ، މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މާދަމާ ހަވީރު ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ން ބުނެފިއެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންފަންޓީނޯގެ މި ދަތުރުގެ ތެރެއިން ރައީސް މުއިއްޒާއި ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

"ފީފާގެ ރައީސްގެ މި ދަތުރުގެ ޝަރަފުގައި ބާއްވާ ފުޓްބޯޅަ މެޗެއްގައި އިންފަންޓީނޯއާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ. މި މެޗު އޮންނާނީ 24 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:000 ނޭޝަނަލް ސްޓޭޑިއަމްގަ" އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނީ މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުޓްބޯޅަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އެ މެޗުތައް ބެލުމަށް ދަނޑަށް އައުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު މިދިޔަ އަންގާރަ ދުވަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ތޯރިގް ވިދާޅުވެފައިވަނީ 19 އަހަރަށްފަހު ފީފާ ރައީސަކު ރާއްޖެ ވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އެގޮތުން އިންފަންޓީނޯގެ ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއަރުވައި، ހަރުދަނާ ކުރުމަށް ލިބިގެންދާ ބޮޑު ހިތްވަރަކަށް ކަމަށް ތޯރިގު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ރަމްޒުކޮށްދެނީ އެފްއޭއެމްއާއި ފީފާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ކަމަށްވެސް ތޯރިގު ވިދާޅުވެފައިވެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ ޕްރައިވެޓް ޖެޓެއްގައެވެ. އެއީ ހުކުރު ދުވަހު ހެނދުނުއެވެ. އަދި އެ ރޭ އޭނާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ހާލަތު ދަށަށް ގޮސް، އެފްއޭއެމްގެ އިދާރާ ހިންގުން ބޮއްސުންލައިގެން ދިއުމުން އެކަން ހައްލުކުރުމަށް މިދިޔަ އަހަރު ފީފާއިން ކުރި މަސައްކަތްތަކަށްފަހު މިހާރު އޮތީ އާ އެކްސްކޯއެކެވެ. އެ އެކްސްކޯގެ މަސައްކަތަށް ދާދިފަހުން އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވައިފައެވެ.

މިއީ ފީފާ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު ސެޕް ބްލެޓާ ރާއްޖެ ވަޑައިގެންފައިވާ އިރު، އެފަހަރު ކުރެއްވި ދަތުރުފުޅަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެވެ.