ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ފާއިޒް އިއްޔެ ސަސްޕެންޑް ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައަކާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒް ސަސްޕެންޑްކުރީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު 41އ ބަންދުން ދޫކޮށްލުމާއި، މޭރީ ގްރޭސް މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާމެދު އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކަގާ ގުޅިގެންނެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ މޭސްތިރިޔާ ކަމަށް ތުހުމަތުވާ އަންވަރު އެހެން މައްސަލައެއްގައި މިދިޔަ ހަފުތާގައި ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކުރުމުން، މުއްދަތު އާކުރަން މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ގާޒީ ފާއިޒް ވަނީ، އަންވަރު ހައްޔަރުކުރުމުގެ ކޯޓު އަމުރު ތަންފީޒުކުރުމުގައި ފުލުހުން އިޖުރާއީ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، ޝަރުތަކާ ނުލައި އޭނާ ދޫކޮށްލައިފައެވެ.
އަންވަރު ދޫކޮށްލުމުން، އޭނާ ބަންދުކުރަން އެހެން އަމުރެއް ނެރުނުއިރު އޭނާ ވަނީ ލަންކާއަށް ފުރައިފައެވެ. ނަމަވެސް ލަންކާއިން އަންވަރު ޑީޕޯޓުކުރުމާއެކު، ފުލުހުން ވަނީ އަނެއްކާވެސް އަންވަރު ހައްޔަރުކޮށްފައެވެެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރީން ވެސް ވަނީ ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ. ލަމްހާގެ ބަންދާމެދު ގޮތެއް ނިންމަން ހުށަހެޅުމުން ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.
އަލީ ޔާމިން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް