ދަރިވަރެއްގެ ގައިގައި އަތްލައި ދަރިވަރަކަށް އިންޒާރުދިން ޓީޗަރަކު އަދި އެހެން ދަރިވަރެއްގެ ގައިގައި އަތްލި އިތުރު ޓީޗަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މައްސަލަވެސް ހުށަހަޅާފައިވަނީ އުތުރުގެ ދެ ރަށަކުންނެވެ.

"ނޯތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލް ދަރިވަރެއްގެ ގައިގައި ޓީޗަރަކު އަތްލައި ދަރިވަރަކާ ދައްކަން ނުޖެހޭފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން ދަރިވަރަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހު ފުލުހުންނަށް ހުށަހަޅާފައިވޭ،" ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 54 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އުތުރުގެ އެހެން ރަށެއްގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި މައްސަލައެއް މިމަހު 15 ދުވަހުވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަަލައެއް ރޭ ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި 46 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތިން މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.