ލ. ކަލައިދޫ - ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަލައިދުއަށް ވަޑައިގެން އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ މަޝްރޫއުގެ ދަށުން ކަލައިދޫއާއި ދަނބިދޫ ދޭތެރޭ އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ގާއިމުކުރުން، 36.17 މީޓަރުގެ ދިގު މަގެއް ހެދުން، 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއްް ގާއިމުކުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 155.94 މިލިއަން ރުފިޔާއަށް، 550 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.

ކަލައިދޫ - ދަނބިދޫ ކޯޒްވޭ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފައެވެ. ކަލައިދޫގައި ބޭއްވި އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ކަލައިދޫ އަދި ދަނބިދޫގެ ކައުންސިލު މެންބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ގާއިމުވުމުން، ދެ ރަށުގެ ރައްޔިތުންނަށް ވެސް ފަސާހަކާއެކު އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހިވެގެންދާނެ ކަމަށާއި ކޯޒްވޭގެ ސަބަބުން އިޖުތިމާއީ ގޮތުން ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.