ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް، ލ. އަތޮޅަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގައެވެ.

ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ އެ އަތޮޅު މީހުން ދިރިއުޅޭ 11 ރަށްކަމަށް ވާ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ވަޑައިގެންފައެވެ. އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާތަކުގައިވަނީ އެ ރަށެއްގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ރައީސް ވަނީ އެ މަނިކުފާނު ވަޑައިގެންނެވި ބައެއް ރަށްތަކުގައި، އެ ރަށެއްގެ ތަރައްގީ މަޝްރޫއުގެ އަމަލީގޮތުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ނުބޭއްވުނު ނަމަވެސް އެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސްވަނީ ރައްޔިތުންގެ ބައްދަލުވުންތަކުގައި ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވަނީ ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންނާ ހިއްސާކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، ލ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ރައީސް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.