ޖިނާއީ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމައިފިނަމަ އެ މައްސަލައިގެ ލިޔެކިޔުންތައް އެއް އަހަރު ތެރޭގައި ނައްތާލާގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިއްޔެވަނީ "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އިސްލާހުކޮށްފައިވަނީ ގަވާއިދުގެ 21 ވަނަ މާއްދާއެވެ. އެ މާއްދާއަކީ ރައްކާ ކުރާން ޖެހޭ ލިޔެކިޔުމާއި މައުލޫމާތުތަކާ ގުޅޭ މާއްދާއެވެ.

އެ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެކަމަށް ޕީޖީން ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައ،ި ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.

ގަވާއިދަށް ގެނައި އިތުރު އިސްލާހެއްގައި ބަޔާންކޮށްފައިވަނީ ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއ،ި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އަލުން ހެއްކެއް ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތަށާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައ،ި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމުގެ ބާރު ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ލިބިގެންވާ ކަމަށެވެ.

ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލުމުގެ ކުރީން، އެ މައްސަލައެއްގެ ހުރިހާ ލިޔެކިޔުންތަކެއް ސްކޭން ކުރަންވާނެ ކަމަށެވެ. މައްސަލައެއްގެ ލިޔުންތައް ނައްތާލަން ވާނީ ނަކަލު ނުކުރެވޭ އަދި ނަގުލުވެސް ނުކުރެވޭ ގޮތަކަށް ކަމަށެވެ.