ކ. ހިންމަފުށީގައި ގާއިމުކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އަލަށް ބިނާކުރާ މި މަރުކަޒަކީ އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭނެ ޖާގަ ހިމެނޭ ގޮތަށް ތަރައްގީކުރާ ތަނެކެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ސިއްދީގުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ. މީގެ އިތުރުން، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޝާހީން އާދަމާއި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު ވެސް ވަނީ ބިންގާ އެޅުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ މަޝްރޫއަށް ހަރަދުކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. ނަމަވެސް އެ ސެންޓަރުގެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ލ. ގަމުގައި ހަދާ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އަޅައިފައެވެ. އެ މަސައްކަތް ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެނެވެ. އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 15,720,000 (15.7 މިލިއަން) ރުފިޔާއަށް 300 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
މީގެ އިތުރުން ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ރިހިބިލިޓޭޓްކުރާ ސެންޓަރު "ހޯޕް އައިލެންޑް" ތަރައްގީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެ ސެންޓަރަށް މިއަހަރު ގައިދީން ގެންދާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
ކ. ހިންމަފުށި
ކ. ހިންމަފުށި
ކ. ހިންމަފުށި
ކ. ހިންމަފުށި
ކޮމެންޓް