ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން އަންގައިފިއެވެ.

ބިދޭސީންނަށް ދޭންޖެހޭ މުސާރަ މަރުކަޒީ ބޭންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންކަމުން، ވަޒީފާދޭ ހުރިހާ ފަރާތްތަކުންވެސް އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ބޭންކް އެކައުންޓްތައް އަވަހަށް ހުޅުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ލޭބަ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީވެސް އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށް އެ ވުޒާރާއިން ބުނެއެވެ.