އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ އިންތިހާބު ބޭއްވުމަށް 700،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިންތިހާބުގެ ހަރަދުވި ވަރު އެއްކޮށް ސާފު ވާނީ އިންތިހާބު ބާއްވައި ނިމުމުން ކަމަށެވެ.

"އެކަމަކު ހަތް ލައްކައާއި އަށް ލައްކައާ ދެެމެދުގެ ހަރަދެއް ހިނގާނެ. މަދުވެސް ވެދާނެ ގިނަވެސް ވެދާނެ، އިންތިހާބު ބޭއްވުން ފިޔަވައި، އިންތިހާބުގެ ތެރެއިންވެސް ފަހަރެއްގެ ހަރަދެއް ކުރަން ޖެހިދާނެ" އޮފިޝަލް ވިދާޅުވިއެވެ.

އީސީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ އިންތިހާބުގައި ވޯޓުލުމަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ އެ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ރާއްޖޭގެ ޗާޕްހާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފުސީލު:

  • އައްޑުއަތޮޅު، ހުޅުދޫ، 2،922 ވޯޓު ކަރުދާސް
  • އައްޑުއަތޮޅު، މީދޫ، 2،380 ވޯޓު ކަރުދާސް
  • އައްޑުއަތޮޅު، ފޭދޫ، 4،419 ވޯޓު ކަރުދާސް
  • ޖުމްލަ: 9721 ވޯޓު ކަރުދާސް

އައްޑޫ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓު، ނަގަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިއަދު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު1

އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟