ލ. ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަލަމީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ފަށައިފި އެވެ.

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަލަމީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފޮނަދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 6.50 މިލިޔަން ރުފިޔާއަށް 300 ދުވަހުން ނިންމައި ހަވާލުކުރުމަށެވެ.

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކަކީ 2368 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ބުރީގެ އިމާރާތެއް ކުރުމެވެ.