ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން ވެލެންސިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ ތިން ޕޮއިންޓާއެކު ޓީސީން ވަނީ އެންމެ ފުލުން ސަލާމަތްވެފައެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓާއެކުގައެވެ. މިވަގުތު ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާއެކު އޮތް ކްލަބު އީގަލްސްއެވެ.
ވެލެންސިއާއަށްވެސް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރުު، ފައިދާ ގޯލުގެ ފަރަގުން އެޓީމު އޮތީ އަށް ވަނައިގައެވެ.
މެޗުގެ ކުރީކޮޅުގައި ޓީސީން ލީޑު ނަގާފައިވާ އިރު، އެ ގޯލް ޖެހީ މުހައްމަދު އިޒާން އަލީއެވެ. އެއީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޕްރިންސް ބޯޑޫ ދިން ޕާހެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލަށް މާގިނައިރެއް ނުވެ، 11 ވަނަ މިނެޓުގައި ޓީސީން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލް ޖަހައިދިނީ އަހްނަފް މުހައްމަދު ތަސްނީމެވެ.
މެޗުގެ ދެވަނަ ހާފުގެ ތެރެއިން ދަނޑުގެ ލައިޓް ސިސްޓަމަށް ކަރަންޓްގެ މައްސަލައެއް ދިމާވެ، މެޗު ހުއްޓާލަން ޖެހުނެވެ. ވަގުތު ކޮޅަކަށް މެޗު ހުއްޓާލުމަށްފަހު އަލުން ފަށައިގެން ކުޅެފައިވާ އިރު، ގެއްލިގެން ދިޔަ ވަގުތު ދެއްކީ އިތުރު ވަގުތުގެ ގޮތުގައެވެ.
އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް، އަބޫބަކަރު ސިލާ ގޯލް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބޯޑޫގެ ގޯލަކާއެކު ޓީސީން ވަނީ ލީޑު ފުޅާކޮށް ތިން ޕޮއިންޓް ޔަގީންކޮށްފައެވެ.
ލީގުގައި މާދަމާ ހަވީރު އޮންނާނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާ "ރަސްވާދަ" މެޗެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު