ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މުހައްމަދު އާރިފްއާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ޝިރުއާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ދައުލަތުންކުރާ ދައުވާތަކަށް އެ ހަތަރު މީހުން އިންކާރުކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ބުނެފައިވަނީ އެ މީހުންގެ ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް އެ މަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ ތިން މީހުންގެ މައްޗަށްވެސް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފަޔާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވުމުން، ދައުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނެ" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅުންހުރި ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު އަކްރަމް، އާރިފު އަދި ޝިރުއާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގައި އެ ހަތަރު މީހުންނަށް ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި އެ ހަތަރު މީހުންގެ ވަކީލުންތައް ވަނީ މުވައްކިލުން ދައުވާއަށް އިންކާރުކުރާކަމަށް ވިދާޅުވެފައެވެ. ދައުވާތަކަށް މުވައްކިލުންގެ ފަރާތުން އިންކާރުކުރުމަށްފަހު ވަކީލުން ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ ރުކުންތައް ފުރިހަމައަށް ސާފުވޭތޯ ދައުލަތާ ސުވާލުކުރައްވައިފައެވެ.
ދައުލަތުގެ ވަކީލު މުހައްމަދު އަބްދުﷲ ވިދާޅުވީ ހާއްސަކޮށް ހައުސިން މިނިސްޓްރީން ކަނޑައެޅި ޕޯޓަލްގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ގޯއްޗާއި ފުލެޓް ދޭން ޝަރުތު ހަމަވާކަމަށް ޕްރޮސެސްކުރި ޔޫސަރުންގެ ނަންތައް ފެންނަން ހުރި ކަމަށެވެ. މުހައްމަދު އަބްދުﷲ ވިދާޅުވީ އަކްރަމްއާ ދެކޮޅަށް ހުށަހެޅީގެ ތެރޭގައި ޝަރުތު ހަމަނުވާ ވަކި ފޯމެއް ޝަރުތު ހަމަކުރުމަށް، އަކްރަމް ބައެއް ބޭފުޅުންނަށް ކުރައްވާފައިވާ މެސެޖުތައް ހިމެނޭ ކަމަށެވެ. އަދި ޝަރުތު ހަމަކުރުމުގެ ގޮތުން އަކްރަމް ވަނީ ބައެއް ބޭފުޅުންނަށް އެކްސެލް ޝީޓެއް ހިއްސާކުރައްވާފައިކަމަށް މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.
މުހައްމަދު އަބްދުﷲ ވިދާޅުވީ އެންމެ ފުރަތަމަ ޝަރުތު ހަމުނުވާ ކަމަށް ހުރި އެކި ފޯމުތަކުގެ ސްޓޭޓަސް ޝަރުތު ހަމަވާކަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވޯ ބަދަލުކުރީ ކޮން ބައެއްގެ އެކައުންޓުންކަން އެނގެން އެބައޮތް ކަމަށެވެ.
މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވަނީ ދިފާއީ ހެކި ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އަދި ގާޒީ ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އޭސީސީން މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުއި ގާނޫނު 'ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު' ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ދެ މުއައްސަސާއިން މިދަނީ ކުރަމުންނެވެ،" އޭސީސީން ބުނެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންނާ ގުޅިގެންނެވެ.
އޭސީސީން އަންނަނީ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އޭސީސީން އެދިގެން ކުރިމިނަލް ކޯޓުން ވަނީ އަކްރަމާއި އާރިފުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކުރީ އޭސީސީން އެ ދެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް