ކްލަބު އީގަލްސްގެ ގޯލްކީޕަރު މުހައްމަދު އަޝްވާންގެ ތަފާތު މޮޅު ކުޅުމާއެކު ކްލަބު އީގަލްސްއިން އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި، 0-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު އީގަލްސް އޮތީ ސީޒަނުގައި މޮޅެއް ނުހޯދި އެއް ޕޮއިންޓާއެކުގައެވެ. އާ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިރުޝާދުގެ ދަށުން ނުކުމެ، މިއަދު އޮޑި ހިފެހެއްޓި އިރު، އޮޑިއަކީ އެންމެ ފޯމު ރަނގަޅަށް އޮތް އެއް ޓީމެވެ.

އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަދުގެ މެޗުން ދެ ގޯލްގެ ފަރަގަކުން މޮޅުވެ، އޮޑިއަށް އެއްވަނައަށް އެރެން އޮތް ނަމަވެސް، އެ ފުރުސަތު ގެއްލި، މިވަގުތު އޮތީ ދެވަނައިގައެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެއީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ.

މެޗުގެ ދެވަނަ މިނެޓުގައިވެސް އޮޑިއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަރިމަތިން ދެމިގަނެ، ޖައްސާލި ބޯޅަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރިއާ ތެރެއިން ހުސްކޮށް ފޮނުވާލި ނަމަވެސް، ކީޕަރު އަޝްވާން ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

އޭގެ އިރުކޮޅެއްފަހުން އޮޑީގެ ބާނަބާސް ޓޯތު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެފަހުން ފުރަތަމަ ހާފުގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަތަކުރި އިރު، ދެވަނަ ހާފުގައި އަނެއްކާވެސް އޮޑިން ނުރައްކާ ބޮޑުކުރިއެވެ.

އިއްބެއާއި ލިތުއޭނިއާ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ހަމަލާތައް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޝްވާން މަތަކޮށްފައިވާ އިރު، އޭގެފަހުން ބަދަލަކަށް ނުކުތް އިބްރާހީމް އިމްރާން (އިންމި) އަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

އީގަލްސްގެ ވިންގް އަހުމަދު ރިޒުވާން (ރިޒޭ) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އަނެއްކޮޅުން އީގަލްސްއިންވެސް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ދެވަނަ ހާފުގައިވެސް ރިޒޭގެ އިތުރު ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައެވެ. އަދި އިސްމާއީލް އީސަ (މެސީ) އަށް ލިބުނު ފުރުސަތެއް އޭނާ އަތުންވެސް ގެއްލިގެން ދިޔައެވެ.

އީގަލްސްއަށް މިހާތަނަށް ލީގުގައި ލިބުނީ ދެ ޕޮއިންޓެވެ. އެއާއެކު އެޓީމު ތާވަލުގެ ނުވަ ވަނައިގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާއެކުގައެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ.