ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން ދައުލަތުން ފައިސާ ހޯދަން އުޅުނުކަމަށް ސެންޓާ އެންޓަޕްރައިސަސްއަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ 2006 ވަނަ އަހަރާއި 2009 ވަނަ އަހަރާއި ދެމެދު ސެންޓާ އެންޓަޕްރައިސަސްއާއި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެމެދު ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުނާ މުއާމަލާތުތަކަށް ދައުލަތުން ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ލިޔެކިއުންތަކެއް ހުށަހަޅައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އޮފީސް (އޭޖީއޯ)ގެ ފަރާތުން މިއަހަރުގެ މާޗުމަހުގެ ފަސްވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ..،" ފުލުހުން ބުންޏެވެ.
މި މައްސަލައަކީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން 2008 ވަނަ އަހަރުގެ ތެރޭގައި ހެލްތު މިނިސްޓްރީއަށް ސަޕްލައިކޮށްދިން މެޑިކަލް އިކުއިޕްމެންޓްސްތަކާއި ކޮންސިއުމަބަލްގެ އަގު ހޯދަން ހުށަހަޅާފައިވާ މައްސަަލައަކާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައި ފާހަގަކުރި މައްސަލައެކެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ވަނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެން ޖެހޭ 400 މިލިއަން ރުފިޔާ ނުލިބިގެން 2020 ވަނަ އަހަރުގެ ތެރޭގައި ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައި ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަވިސް(ޑީއެމްއެސް) އަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްއަށް ސެންޓާއަށް ފައިސާ ލިބެން ޖެހޭ ކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގައި ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއިން އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާ (އެސްބީއައި)ގެ ބޭންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް އެ ބޭންކުން ކަށަވަރުކޮށްދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ސެންޓާއަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުންވެސް، ފައިސާ ނުލިބޭކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
މި މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ ސައްހަނޫން ލިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށް ނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ.
އޭޖީ އޮފީހުގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތައްވެސް ފުލުހަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަަޅައިދިނުމަށްވެސް އެދިފައިވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް