ކްލަބު ވެލެންސިއާއަކީ އަބަދުވެސް ގަދަކޮށް ނުކުންނަ ޓީމެއް ކަމަށާއި، ކްލަބުގެ ފެންވަރާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް އެންމެފަހުން ކުޅުނު މެޗުގައިވެސް ރައްދު ދެވިފައިވާނެ ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
މިވަގުތު ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހީ ކްލަބުތައް އަލުން ވަރުގަދަކޮށް ނުކުންނަތަން ފެނިގެންދާ އިރު، ވެލެންސިއާގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ސީޒަނަށް ނުކުތީ ވަރުގަދަ ސްކޮޑުތަކަކަށް އިންވެސްޓް ކޮށްގެންނެވެ.
އެ ޕްލޭނުގައި ވެލެންސިއާއަށް ކުޅުންތެރިން ގަނެ، ސްކޮޑު ވަރުގަދަ ނުކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދާ އިރު، ފެސްކޯ ބުނީ އެފަރާތްތަކުން، ނިއުއާއި ވެލެންސިއާ ވާދަކުރި މެޗު ބެލުމުން ޖަވާބު ފެންނާނެ ކަމަށެވެ.
"ވެލެންސިއާގެ ވަރަށް ޒުވާން ޓީމެކޭ އޮތީ. ނިއު ރޭޑިއަންޓްގައި އޮތީ ތަޖުރިބާކާރު ބިގް ބަޖެޓް ޓީމެކޭ. ވެލެންސިއާ އޮތީ އާދައިގެ ގޮތެއްގައޭ މި ބުނަނީ. އިން ޕިޗްގައި، ބެޓަލް ގްރައުންޑްގައި ކޮބާތޯއޭ ތަފާތަކީ. ނަތީޖާ އައީ ކިހިނެތްތޯ؟ ފުރަތަމަ ގޯލާއި ދެވަނަ ގޯލަކީ ކޮންކަހަލަ ގޯލެއްތޯ ވިސްނާލަން ޖެހޭ. އެހެންވީމަ އެ ސުވާލަށް ޖަވާބު ދެވުނީ ދަނޑުމަތީގައި،" ފެސްކޯ ބުންޏެވެ.
ނިއުއިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 2-0 އިން ނަމަވެސް، އެމެޗުގެ ބޮޑުބައެއްގައި ވެލެންސިއާއިން ނިއު ހިފެހެއްޓިއެވެ. އަދި ވާދަވެރި ކުޅުމެއްވެސް ފެނިގެން ގޮސްފައިވެއެވެ.
ފެސްކޯ ބުނީ ވެލެންސިއާއަކީ ކުޅިވަރަކަށް ނުކުންނައިރު އަބަދުވެސް "ފައިޓިން ސްޕްރިޓް" ރަނގަޅު ޓީމެއް ކަމަށާއި، އެ މަންޒަރު ނުފެނި ނުދާނެ ކަމަށެވެ.
"ވެލެންސިއާއަކީ ކުޅިވަރުގެ ވަރުގަދަ ތާރީހެއް އޮތް ޓީމެއް. އެއީ ކޮންމެ ކުޅިވަރަކަށް ބެލިޔަސް ހަމަ އެ މަންޒަރު ފެންނާނެ. ވެލެންސިއާއަކީ ވޮލީއާއި ފުޓުބޯޅަ ނޫނީ ކްރިކެޓްގައިވެސް ކާމިޔާބު ކްލަބެއް. މި ޓީމަކުން ވަރުގަދަކޮށް ނޫން ގޮތަކަށް ނުނުކުންނާނެ. ކުޑަކުދިން ގޮވައިގެން ނުކުތަސް ފައިޓިން ސްޕްރިޓެއް ނެތިއެއް ނުކުންނާނެ،" އޭނާ ބުންޏެވެ.
ބިދޭސީ ކުޅުންތެރިން ގެނައުމުގައި މިފަހަރު ދަތިތަކެއް ހުރި ކަމަށް ފެސްކޯ ބުނެފައިވާ އިރު، އޭނާ ބުނީ ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ބިދޭސީ ކުޅުންތެރިން ވެސް އެންމެ ގިނައިން ގެނައި އެއް ކްލަބް ކަމަށެވެ. އެހެން ނަމަވެސް، ސީޒަނުގައި އެ ޓީމަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި އެކި ކަހަލަ ގޮންޖެހުންތައް ދިމާވި ނަމަވެސް، މިހާރު ދަނީ ހާލަތު ރަނގަޅު ކުރަމުން ކަމަށް އޭނާ ބުންޏެވެ.
ފެސްކޯ ބުނީ މިހާރު އޮތް ޓީމަކީ ޒުވާން ޓީމެއް ނަމަވެސް، ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޓީމެއް ކަމަށެވެ. ހާއްސަކޮށް އެޓީމަކީ އެތައް އެކަޑެމީއެއްގެ އެތައް ކޯޗުންނެއްގެ ބުރަ މަސައްކަތްކަން އޭނާ ފާހަގަކުރިއެވެ.
"ދިރާސީ ނަޒަރަކުން ވިސްނާ، ދިރާސާ ކޮށްލައްވައިފިއްޔާ ފެންނާނެ 2023 ވަނަ އަހަރު ނެރުނު ވެލެންސިއާ ޓީމު. އެޓީމުގައިވެސް ބޮޑަށް ހިމެނުނީ 14 އަހަރުން ދަށުގެ ކުޅުންތެރިން. މިހާރު އެ ކުޅުންތެރިން 16 އަހަރަށް އައިސްގެން މި ޓީމުގައި މިތިބީ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް މިހާރު ގައުމީ ޓީމުތަކުގައި މި ކުޅެނީ. އެއީ ބުރަ މަސައްކަތެއް. އެ މަސައްކަތް ކުރީ ދިވެހި ވަރަށް ގިނަ ކޯޗުންނާވެސް އެކު. އަޅުގަނޑު ކްރެޑިޓް ނަގަން ބޭނުމެއް ނޫން އެ ކުޅުންތެރިންނަކަށް. އެކަމަކު ވެލެންސިއާ އެކަޑެމީގައި މަސައްކަތްކުރި އެކިއެކި ކޯޗުންނާއި، ޖޫނިއާ އެތައް ކޯޗުންނެއްވެސް ކުރި ބުރަ މަސައްކަތް މިއީ. އަދި އެހެން އެކަޑެމީތަކުގައިވެސް ތިބި ކޯޗުން ކުރި މަސައްކަތުގެ ނަތީޖާ މި ޒުވާން ޖެނެރޭޝަނުން ފެނިގެން މިދަނީ،" ތަޖުރިބާކާރު ކޯޗު ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ ވެލެންސިއާއަކީ ސަޕޯޓަރުންނާ ގާތް ކްލަބެއް ކަމަށާއި، އަބަދުވެސް މަސައްކަތް ކުރަނީ ވެލެންސިއާ ސަޕޯޓަރުން ބޭނުންވާ ޕްރޮޑަކްޓެއް އުފެއްދޭތޯ ކަމަށެވެ.
"ސަޕޯޓަރުންނަށް ބުނަން ބޭނުންވަނީ މާޔޫސްވެވަޑައި ނުގަންނަވާށޭ، ވެލެންސިއާގެ ސަޕޯޓަރުން ހަމަ އަޅުގަނޑުމެންނާ ގުޅިގެން ހަމަ، މި މަސައްކަތުގައި ބައިވެރިވެލައްވާށޭ ރިކުއެސްޓަކީ،" ފެސްކޯ ބުންޏެވެ.
ފެސްކޯ އިތުރަށް ބުނީ "ވެލެންސިއާ އަބަދުވެސް ނުކުންނާނީ ގަދަކޮށް،" ކަމަށާއި، ވެލެންސިއާ އަކީ އަބަދުވެސް ޓާގެޓެއް އޮންނަ ޓީމެއް ކަމަށެވެ. އަދި އެޓާގެޓް ހާމަނުކުރި ނަމަވެސް، އެ ޓާގެޓަށް ވާސިލްވާން ބުރަކޮށް މަސައްކަތް ކޮށް، ވެއްޓޭ ހާލަތުގައި ވަރުގަދައަށް ތެދުވަންވެސް ވެލެންސިއާއަށް އެނގޭނެ ކަމަށް ފެސްކޯ ބުންޏެވެ.
ވެލެންސިއާއިން މިރޭ ލީގު މެޗުގައި ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު