ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗަކީ އޮޑި ސްޕޯޓްސް ކްލަބުގެ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އޮޑި ސްޕޯޓްސް ކްލަބުގެ ކޯޗު އަންދްރޭ ގާސިއާ ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ އޮޑިން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ތާވަލުގެ ރަނގަޅު މަގާމެއް ދަމަހައްޓަމުން އަންނަ އިރު، މިއަދުގެ މެޗުން މޮޅުވެގެން އަލުން އެއްވަނައަށް އެރުމުގެ ފުރުސަތުވެސް އެޓީމަށް އެބަ އޮތެވެ. އަނެއްކޮޅުން ނުކުންނަ އީގަލްސްއަކީ މިދިޔަ ދެތިން ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެންމެ ވާދަވެރި ކްލަބު ނަމަވެސް، މިސީޒަނުގެ ފެށުން އެޓީމަށް އުނދަގޫވިއެވެ.

އީގަލްސްއިން މިހާތަނަށް ކުޅުނު ތިން މެޗުން އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއާއެކު އެޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

"އެންމެފަހުން އަހަރެމެން ކުޅުނު މެޗުގައި ވިކްޓްރީ ކައިރިންވެސް އުނދަގޫވި. އެހެންވީމަ ހަމަ އެކަހަލަ މެޗަކަށް ތައްޔާރުވެގެން ނުކުންނާނީ. ލީގަކީ މިއީ. ލީގެއްގައި މެޗުތައް ފަސޭހައެއް ނުވާނެ،" ޕްރި މެޗު ޕްރެސްގައި ގާސިއާ ބުންޏެވެ.

އޭގެ އިތުރުން ގާސިއާ ބުނީ އީގަލްސް ތާވަލުގައި އޮތް މަގާމަށް ވިސްނައިގެން ނުނުކުންނާނެ ކަމަށެވެ.

"އީގަލްސް މިހާރު ތާވަލުގައި އޮތް ހިސާބަކީ އަސްލު ހަގީގަތެއް ނޫން. އެޓީމުން ވަރަށް ވަރުގަދަ ސްކޮޑަކާއެކު އެ އޮތީ، އެއީ އިންޑިވިޖުއަލް ރަނގަޅު ކުޅުންތެރިންތަކަކާވެސް އެކު. މިހާރު އާ ކޯޗެއްވެސް ހަވާލުވެފައި ވަނީ. އަދި އީގަލްސް ކުޅޭ ކުޅުމަށް އަހަރެންވެސް ވަރަށް ގަޔާވޭ. އެއީ ވަރަށް ރަނގަޅު ފުޓުބޯޅައެއް ކުޅޭ ޓީމެއް. އަހަންނަށް ފެންނަ ގޮތުގައި މި ސީޒަން ނިމޭއިރުވެސް އީގަލްސް އޮންނާނީ މާ ބޮޑަށް ކުރީގައި. އެހެންވިޔަސް އަހަރެމެން އެޓީމާ ދެކޮޅަށް ނުކުންނާނީ އަސްލު ފެންވަރު ވަޒަން ކުރުމަށް،" އޭނާ ބުންޏެވެ.

ގާސިއާ ބުނީ އޮޑިއަކީ އަލަށް ޕްރޮމޯޓްވެ ކުޅެމުންދާ ޓީމެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށާއި، ކޮންމެ މެޗަކަށް 100 ޕަސެންޓް ނުދީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އަހަރެމެން މިއީ އަލަށް ޕްރޮމޯޓްވި ޓީމެއް. އެހެންވީމަ ހަމަބިމުގައި ތިބޭނީ. އަހަރެމެން ވާދަކުރަން މި ޖެހެނީ ނިއު ރޭޑިއަންޓާއި މާޒިޔާ ކަހަލަ ކާމިޔާބު، ތާރީހު އޮތް ޓީމުތަކާ. އެކަން ހަނދާން ކުރަން ޖެހޭނެ. އަހަރެމެން ހަމަބިމުގައި ތިބެގެން ނޫނީ ވާދަނުކުރެވޭނެ. އެ މިސްޓޭކެއް ނުހަދާނަން. ވަކިވަކި ހުނަރުން އެކަނިވެސް ނުވާނެ، އަހަރެމެން ޖެހޭ ކޮންމެ މެޗެއްގައިވެސް 100 ޕަސެންޓް ދޭން،" ގާސިއާ އިތުރަށް ބުންޏެވެ.

އޮޑި ސްޕޯޓްސް ކްލަބާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.