ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވި އިރު، މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. މާޒިޔާއިން 12 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލި އިރު، ދެވަނައިގައި އޮތީ އޮޑި ސްޕޯޓްސް ކްލަބެވެ. އެޓީމުންވެސް ކުޅުނު ތިން މެޗުން މޮޅުވެފައި އޮތް އިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވެސް މިހާތަަށް ކުޅުނު ތިން މެޗުން ވަނީ މޮޅުވެފައެވެ.

ހަތަރު ވަނައިގައި މިވަގުތު ބުރު ސްޕޯޓްސް ކްލަބު އޮތް އިރު، އެޓީމަށް ލިބިފައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ.

އޮޑިން މާދަމާ ހަވީރު ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ އޮންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ. ދެން މިހަފުތާ އޮންނަ މެޗަކީ ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރާ "ރަސްވާދަ" މެޗެވެ. އެމެޗު އޮންނާނީ އަންގާރަ ދުވަހުއެވެ.

މާޒިޔާއިން ވަނީ މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. މެދުތެެރެއިން ހަސަން ނަޒީމް (ޗޯޓު) އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް، ގޯލަށް ވައްދާލީ ސާޖިއޯ މެންޑީ އިގްލޭސިއަސްއެވެ.

އޭގެފަހުންވެސް މާޒިޔާއިން ނުރައްކާ ކޮށްފައިވާ އިރު، 11 ވަނަ މިނެޓުގައި މެންޑިގޫޗިއާ ބޮލުން ފޮނުވާލި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. އޭގެފަހުން ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

19 އޮކްޓޯބަރު 2025، މާލެ، މާޒިޔާއިން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މާޒިޔާ ޑޮމިނޭޓްކޮށް ކުޅެމުން ދަނިކޮށް ޔުނައިޓެޑް ވިކްޓްރީންވެސް ވަނީ މެޗު އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. އޭރިއާ ތެރެއިން އެޓީމުގެ މުސްތަފާ މަހްމޫދު އަލީ އެލްޝަޒްލީ ފޮނުވާލި ބާރު ހަމަލާ، މާޒިޔާ ކީޕަރު ހުސައިން ޝަރީފް ދިފާއުކުރި އިރު، ރީބައުންސްގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް ފޮނުވާލި ހަމަލާ ބްލޮކް ކުރީ މާޒިޔާގެ ޑިފެންޑަރެވެ.

މާޒިޔާއިން މެޗުގެ ދެވަނަ ގޯލް ޖެހީ 34 ވަނަ މިނެޓުގައެވެ. މެޑީއާއި ހަމްޒާ މުހައްމަދު (ހަމްޕު)، ރަނގަޅު ވަންޓޫ ޕާހެއް ޖަހައި، ހަމްޕު ބޯޅަ ގޯލަށް ވާދާލީ ފަސޭހަކަމާއެކުގައެވެ.

އެގޯލާއެކު މާޒިޔާއަށް ހަމަޖެހިލަން ފުރުސަތެއް ނުލިބުނެވެ. ހާފު ނިމުމުގެ ކުރިން މުސްތަފާ ވަނީ ޔުނައިޓެޑް ވިކްޓަރީއަށް ގޯލެއް ޖަހައިފައެވެ. އެ ގޯލާއެކު ދެވަނަ ހާފު އިތުރަށް ވާދަވެރި ވެގެން ދިޔައެވެ.

19 އޮކްޓޯބަރު 2025، މާލެ، މާޒިޔާއިން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި ހަމްޕުގެ ގޯލަށްފަހު މެންޑީއާއެކު އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނުނު ނަމަވެސް، މެޗުގެ ފަހުކޮޅުގައި މާޒިޔާއިން ވަނީ ދެ ގޯލް ޖަހައި ނަތީޖާ ޔަގީންކޮށްފައެވެ. 86 ވަަނަ މިނެޓުގައި މެންޑީގެ ދެވަނަ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، މާޒިޔާގެ ފަހު ގޯލް ޖެހީ ލުއިސް ޕައުލޯ ރޮޗާ އަލްމެއިޑާއެވެ.