މަތީ ތައުލީމު ފޯރުކޮށްދިނުމަށް ރިވޯލްވިން ފަންޑުގެ ގޮތުގައި ދޫކުރި ލޯނުގެ ތެރެއިން، ލިބިފައިނުވާ 190 މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތްކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރިވޯލްވިން ފަންޑުގެ އުސޫލުން ހަޔާ އެޑިއުކޭޝަނުން، 2022 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންނަށް ލޯނުގެ ގޮތުގައި ޖުމުލަ 3,119,824,307 (3.1 ބިލިއަން) ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 2,985,099,518 (2.9 ބިލިއަން) ރުފިޔާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ބަލަހައްޓާ ލޯނުތަކެއް ކަމަށާއި އެގޮތުން އެ ލޯނުތައް ބަލަހައްޓަމުންދަނީ ފިނޭންސް މިނިސްޓްރީ އާއި އެ އިދާރާތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އެ އެއްބަސްވުންތަކުގެ ދަށުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ އިދާރާތަކުން ކުރާގޮތަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި ބާކީ 134,724,789 (134.7 މިލިއަން) ރުފިޔާ އަކީ މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ލޯނުތަކެއް ކަމަށެވެ.

އެ ލޯން ސްކީމުގެ ދަށުން، އަނބުރާ ދައްކަންޖެހޭ މުއްދަތު ހަމަވުމާއެކު، 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 651,272,458 (651.2 މިލިއަން) ރުފިޔާ ލިބިފައިވާ އިރު، 31 ޑިސެމްބަރު 2022 ގެ ނިޔަލަށް 190,719,792 (190.7 މިލިއަން) ރުފިޔާ އަދިވެސް ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އެ 190.7 މިލިއަން ރުފިޔާގެ ތެރެއިން ހަޔާ އެޑިއުކޭޝަނުން ބަލަހައްޓާ ލޯނުތަކަށް ލިބެންޖެހޭ 81،505،373 (81.5 މިލިއަން) ރުފިޔާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތަކަށް ލިބެންޖެހޭ 103،838،109 (103.8 މިލިއަން) ރުފިޔާ އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުންނަށް ދޫކުރި ފައިސާއިން އަނބުރާ ލިބެންޖެހޭ 3،021،999 (ތިން މިލިއަން) ރުފިޔާއާއެކު ޖުމުލަ ލިބެންޖެހޭ 106،860،108 (106.8 މިލިއަން) ރުފިޔާ ހޯދުމަށް އެ ދެ ބޭންކުން ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ. އަދި ބޭންކުތަކުން އެ ފައިސާ ހޯދުމަށް މަސައްކަތްކުރޭތޯ މިނިސްޓްރީން ވެސް މޮނީޓާކުރަމުން ނުދާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.