ލީގު ސީޒަނުގެ ތެރެއިން ފުޓްސަލް ކުޅެން ކުޅުންތެރިން ދޫ ނުކޮށް ފަރުޖެއްސޭނީ ކްލަބުތަކުގެ ކެޕޭސިޓީ އެވަރަށް އިތުރުކުރެވިގެން ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު، އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.

އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމަށްފަހު، ލީގު މެޗުތައް މިއަދު އަލުން ފަށާނެ އެވެ. އެންމެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިހަފުތާ މެޗުތަކުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނިސްތާރު ބުނީ އެންމެ ފަހުން ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނަސީބު އެހީވި ކަމަށާއި، އެ ނަސީބަށް ކޮންމެ މެޗަކަށް ބަރޯސާ ނުވެވޭނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނީ ރާއްޖޭގައިވެސް އިންޓަނޭޝަނަލް ބްރޭކް، ދުނިޔޭގެ އެހެން ލީގުތަކާ އެކުވުން އެއީ ލިބުނު ފަސޭހައެއް ކަމަށެވެ.

"އިންޓަނޭޝަނަލް ބްރޭކަކީ ދުނިޔޭގެ ހުރިހާ ލީގަކަށްވެސް އަންނާނެ އެއްޗެއް. އަޅުގަނޑުމެން ޖެހޭނީ އެއީ ރިޗާޖް ޓައިމަކަށް ހަދަން. އެހެންވީމަ އެއީ މައްސަލައެއް ނޫން. ބްރޭކަކީ ޓީމަށް އިތުރު އެކްސްޕެރިމެންޓްކޮށް، ކަންކަން ރަނގަޅު ކުރަން ލިބުނު ވަގުތެއް. ބައެއް ޓީމުތައް އެކުވެރިކަމުގެ ދެމެޗުވެސް ކުޅުނު. އަޅުގަނޑުމެންނަށް އެކަމެއް ނުވި، އެހެންވިޔަސް ވަގުތު ލިބުނު. ދެން ކުރިން ގައުމީ ކޯޗު ނަގާފާނެ މަހެއްވެސް ޓީމު ތައްޔާރުވާން، އެހެންވީމަ މިހާރު އެހެން ނުވެ، ސްޓޭންޑާޑްކޮށް ބްރޭކް ލިބުނީމަ ރަނގަޅު،" ނިސްތާރު ބުންޏެވެ.

ނިސްތާރު ފާހަގަކުރީ ބުރަކީ ވަރުގަދަ ޓީމެއް ކަމަށާއި، ހާއްސަކޮށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހުންނަ ޓީމެއް އެއްވެސް އިރެއްގައި އަންޑަ އެސްޓިމޭޓް ނުކުރެވޭނެ ކަމަށެވެ.

އެއާއެކު ޓީމުގެ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކަށް ދޫކުރަން ޖެހޭ ޖެހުމަށް ނިސްތާރު ބުނީ، އެކަން ހުއްޓުވޭނީ ލީގު ވަރުގަދަކޮށް، ކްލަބުތަކުގެ ކެޕޭސިޓީ އިތުރުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެވެސް ވަރަށް މުހިއްމު ޕްލޭޔަރެއް ހާމިދަކީ. އަދި އެއްމެޗަށްވެސް ނުލިބޭ ރަނގަޅަށް ބޭނުން ކޮށްލާކަށް. ފުޓްސަލް ކުޅެން ދޫކުރަން ޖެހޭތީ. އެކަން ދެން ރަނގަޅުވާނީ ލީގު ވަރުގަދަވި ވަރަކަށް. އެއީ އަޅުގަނޑަކަށް އެކްސްޕެކްޓެއް ނުކުރެވޭނެ، ދޭ މުސާރަ ބަރާބަރަށް ކްލަބުން ނުދެވެންޏާ އެ ކުޅުންތެރިން އެހެން ގޮތަކުން ލާރި ނުހޯދާނެ ކަމަކަށް. އެއީ އެ ކުޅުންތެރިންވެސް އާއިލާތައް ގެންގުޅޭނެ. މިހާރު އެބަ ފެނޭ ލީގު ރަނގަޅުވާތަންވެސް. އެކަމަކު ވަގުތު ނަގާނެ. ޕްރެފެޝަންއަކަށް މި ނުހެދެންޏާ އެކަހަލަ ކަންކަން އަންނާނެ،" ކޯޗު ނިސްތާރު ބުންޏެވެ.

ނިސްތާރު އެކަމަށް މިސާލު ޖަހަމުން ބުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުންތެރިން ފުޓްސަލް ކުޅެން ދޫކުރަން ޖެހޭ މައްސަލަ ދިމާނުވާ ކަމަށާއި، ގްރީންއަށްވެސް އެ މައްސަލައަށް ހައްލު ހޯދަން ޖެހޭނީ އެހިސާބަށް ދާން ކަމަށެވެ.